އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި، ކޮންމެ ހިއްސާއަކަށް 3.54ރ. ބެހުމަށް އެ ކުންފުނީގެ ހިއްސާދާރުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އުރީދޫ ހެޑް އޮފީހުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

Ad
rt

މި ޖަލްސާގައި ޖުމްލަ 353 ހިއްސާދާރުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރުވި 144 ހިއްސާދާރުންނާއި 209 ހިއްސާދާރުން ތަމްސީލުކުރި 27 ޕްރޮކްސީ ހޯލްޑަރުންނެވެ. މި ޖަލްސާގައި ކުންފުނީގެ ޖުމްލަ ހިއްސާގެ 98 އިންސައްތަ ނުވަތަ 144,202,029 ހިއްސާ ތަމްސީލުކޮށްފައިވެއެވެ.

މި އަހަރުގެ ޖަލްސާ ބޭއްވީ އޮފީހަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން، މިދިޔަ އަހަރުގެ މާޗު ނުވަވަނަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި، 2023 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތަކާއި ޑިރެކްޓަރުންގެ ރިޕޯޓް ވެސް ވަނީ ފާސްކޮށްފައެވެ. އަދި މި އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އައްޔަންކުރުމަށް ވެސް ހިއްސާދާރުން ވަނީ ނިންމާފައެވެ.

ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުމުގެ ތެރެއިން، މެޖޯރިޓީ ހިއްސާދާރު ވަތަނިއްޔާ އިންޓަނޭޝަނަލް ތަމްސީލުކުރުމަށް ފާތިމަތު ސުލްތޯން އަލް-ކުވާރީ އަލުން އައްޔަންކޮށްފައިވެއެވެ. މީގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި އިންނަވާނެ ޑިރެކްޓަރަކަށް އަބްދުﷲ އަލީ ވަނީ އައްޔަންކޮށްފައެވެ.

2005 ވަނަ އަހަރު ވަތަނިޔާ ޓެލެކޮމްގެ ނަމުގައި ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ޚިދުމަތްފެށި މި ކުންފުނި 2013 ވަނަ އަހަރު އުރީދޫ އަށް ރީ-ބްރޭންޑްކޮށްފައިވާއިރު، މި ކުންފުންޏަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ކަސްޓަމަރުންގެ އިތުބާރުބޮޑު، ފަހު ގިނަ ޓެކްލޮލޮޖީގެ ފަސޭހަކަން ރައްޔިތުންނަށް ގެނެސްދީފައިވާ ކުންފުންޏެކެވެ.