ދެ އިންތިހާބު ދެ އިރެއްގައި ބޭއްވުމުން ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ކެމްޕެއިން އިފުތިތާހުކުރުމަށް ހެންވޭރު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށެވެ. ނަމަވެސް މިއީ އިންތިހާބުތައް އެއްކޮށްލުން ނޫން ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ޑިމޮކްރަސީ ވަރުގަދަވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މި ބަދަލު ގެނައުމަށްޓަކައި މަޖިލީހުގެ ދައުރު ކުރުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ގަސްދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދެ އިންތިހާބު ވަކިން ބޭއްވުމުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގެއްލި، އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގެއްލުންތައް ލިބޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ސިޔާސީ ހަމަޖެހުން ގާއިމްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ބޭނުމަށް މީހުން ހައްޔަރުކުރުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން، މިހާރު މަޖިލީހުގައި އޮތް އިދިކޮޅު މެޖޯރިޓީން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމަށް ވެސް ރައީސް ތުހުމަތު ކުރެއްވި އެވެ.