ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ އަދި ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ބިނާކުރި ދެ ބުރީގެ އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
"ދާރުލް ޢިލްމު" ގެ ނަމުން ނަންދެވިފައިވާ މި އިމާރާތަކީ އިހަވަންދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ ކިބައިގައި ދީނީ ރޫޙު ވަރުގަދަކުރުމުގެ މަޤްޞަދުގައި ބިނާކުރެވުނު ތަނެކެވެ. މި އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ނަމާދުކުރުމަށާއި، ކީރިތި ޤުރުއާން ކިޔެވުމުގެ އިތުރުން މަކާރިމުލް އަޚުލާޤުގެ ދަރުސްތަކާއި ދީނީ ގޮތުން ހޭލުންތެރިކުރުވުމުގެ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށެވެ.
މިކަމާ ގުޅިގެން އިހަވަންދޫ ސްކޫލުން ބުނީ، މިއީ އެ ސްކޫލުގެ ތާރީޚުގައިވެސް ފަރުދެއްގެ ފަރާތުން ލިބުނު އެންމެ ބޮޑު އެހީތެރިކަން ކަމަށެވެ. ސްކޫލުން ވަނީ މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އާއިލާއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ޞާލިޙްގެ ޚަރަދުގައި އިހަވަންދޫ ސްކޫލްގައި ބިނާކޮށްދެއްވި "ދާރުލް ޢިލްމު" ބައްލަވައިލައްވަނީ، ފޮޓޯ: އިހަވަންދޫ ސްކޫލް
މީގެ އިތުރުން، މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވި އިހަވަންދޫ ސްކޫލުގެ ބާނީ އަލްމަރުޙޫމް ޢަބްދުއްޞަމަދު ޙުސައިންގެ ދަރިކަލުން އިބްރާހީމް ޒުހައިރާއި، ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝަފީޢުގެ ނަންވެސް ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.
ޞާލިޙްގެ ޚަރަދުގައި އިހަވަންދޫ ސްކޫލްގައި ބިނާކޮށްދެއްވި "ދާރުލް ޢިލްމު"، ފޮޓޯ: އިހަވަންދޫ ސްކޫލް
އިހަވަންދޫ ސްކޫލުން އިތުރަށް ބުނިގޮތުގައި، މި އިމާރާތުން ހާމަވެގެންދަނީ ކިޔަވާކުދިންގެ ކިބައިގައި އަޚުލާޤީ ރިވެތި ސިފަތައް އަށަގެންނެވުމަށާއި ހަރުދަނާ ޝަޚުޞިއްޔަތެއް ހުރި ޖީލެއް ބިނާކުރުމަށް މުޙައްމަދު ޞާލިޙްގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމެވެ. އަދި އެމަނިކުފާނު ދީނާއި ޤައުމު ދެކެ ވެލައްވާ މަތިވެރި ލޯތްބާއި، ތަޢުލީމީ ދާއިރާއަށް ދެއްވާ އަހައްމިއްޔަތު މިކަމުން ފެނިގެންދާކަމަށްވެސް ސްކޫލުން ފާހަގަކުރިއެވެ.
ޞާލިޙްގެ ޚަރަދުގައި އިހަވަންދޫ ސްކޫލްގައި ބިނާކޮށްދެއްވި "ދާރުލް ޢިލްމު"، ފޮޓޯ: އިހަވަންދޫ ސްކޫލް
މި އާ އިމާރާތާއެކު އިހަވަންދޫ ސްކޫލުގެ ދަރިވަރުންނަށް ދީނީ ތަރުބިއްޔަތު ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ.
ޞާލިޙް ވަނީ އިހަވަންދޫގައި 200 މީހުންގެ ޖާގައިގެ މިސްކިތެއްވެސް ބިނާކޮށްދެއްވާފައެވެ. 14 ފެބްރުއަރީ 2025 ގައި ހުޅުވާފައިވާ މި މިސްކިތަށް ދީފައިވާ ނަމަކީ ''މަސްޖިދު ޒުބައިދާ އަޙްމަދު'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!