ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފި އެވެ. ގައުމީ ބޭންކުން ބުނީ އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދުގައި މިކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އެވެ.

Ad
rt

މި އެއްބަސްވުމާއެކު އެންމެ ފަހުގެ ޓެކްނޮޖަލީގެ އެހީގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުވޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ 100 އިންސައްތަ ދިވެހި އުފެއްދުމެކެވެ. ބޭންކުން ބުނީ މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް ބޭންކުން މައުލޫމާތު ދެއެވެ.

ގައުމީ ބޭންކުން ބުނީ ނިމިދިޔަ ޖަނަވަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް މި ވޮލެޓުގެ މައިގަނޑު ފީޗަރތައް ތަޖުރިބާ ފުރުސަތު ދީފައި ވާކަމަށެވެ. އެގޮތުން ޕަރސަން-ޓުޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިލާފައިވާކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މި އެއްބަސްވުމަކީ މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރެވުނު ސްޓްރެޓިޖިކް ޕާޓްނަރޝިޕްގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ. މި ޕާޓްނަރޝިޕްގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް އަވަހަށް ފޯރުކޮށްދިނުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަގުބޫލުކަން އިތުރުކުރުން ކަމަށް ބޭންކުން ބުނެ އެވެ.