ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ. ނަމަވެސް، މި ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ 6 ޖަނަވަރީ 2025 ގައެވެ.

Ad
rt

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ މި ނިންމުން އެ އޮފީހުން ދިރާސާކުރިއިރު، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށެވެ. އަދި މައްސަލައިގެ ހެކި ޤަރީނާ ވަޒަންކުރުމުގައިވެސް ޤާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރިކަން އެ އޮފީހަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

މި ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެ ކޯޓަށް ތަޙްވީލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅީ 2 މާރިޗު 2026 ގައެވެ.

މީގެ އިތުރުން، މި އިސްތިއުނާފީ މައްސަލައާ ގުޅިގެން، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރަކަށްވެސް ދައުލަތުން ވަނީ އެދިފައެވެ. އެއީ މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 އިން އެއްވެސް މުޢާމަލާތެއް ކުރުން ހުއްޓުވުމުގެ އަމުރެކެވެ.