މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ޔޫތު ހަބްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝާދީ ޤަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް އަދި ލޭން (LAN) ފޯމެޓަށެވެ. މިއީ ރާއްޖޭގެ އެކި ކޮޅުތަކުގައި ތިބި ގޭމަރުންނަށް ވާދަވެރި މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. ޓެކެން އަދި އީއޭއެފްސީ މުބާރާތްތައް ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ދިޔައިރު، ޕަބްޖީ މޮބައިލް (PUBGM) އަދި މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ (MLBB) ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މީގެ ސަބަބުން މުޅި ރާއްޖެއިން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.
މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވެސް ފެނިގެންދިޔައީ ފޯރިގަދަ ކުޅުމަކާއި، ވަރުގަދަ ޓީމުވޯކެއްގެ އިތުރުން އާދަޔާ ހިލާފު ހުނަރުވެރި ކުޅުންތެރިންނެވެ.
މުބާރާތުގެ ވަނަތައް:
ޕަބްޖީ މޮބައިލް: އެއްވަނަ ޑީޖީއެން ސިންޑިކޭޓް، ދެވަނަ ގޭމްއޯވަރ ރިޖެކްޓް، އަދި ތިންވަނަ އެލްއެފް އަކަޒާޔާ އެވެ.
މޮބައިލް ލެޖެންޑްސް (MLBB): އެއްވަނަ އެލްއެންއެން ސްލީޕިންގ ފޮރެސްޓް، ދެވަނަ ކަޅުއޮށްފުމި، އަދި ތިންވަނަ ކުއިސް ވެންގާޑްސް އެވެ.
އީއޭއެފްސީ: އެއްވަނަ އެމްޔޫޖީ ޔާއިޝް، ދެވަނަ އެމްޔޫޖީ ރާއިދު، އަދި ތިންވަނަ ޒަމީލް އެވެ.
ޓެކެން: އެއްވަނަ އެމްޔޫޖީ އަބާން، ދެވަނަ ކުއިސް އީ-ސްޕޯޓްސް ތާބިޝް، އަދި ތިންވަނަ އެމްޔޫޖީ އަޝްވާން އެވެ.
ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 އިން އަނެއްކާވެސް ހާމަވެގެންދިޔައީ ރާއްޖޭގައި ވާދަވެރި ގޭމިންގ ހަލުވިކަމާއެކު ކުރިއަރަމުންދާ މިންވަރެވެ. މިއީ ޒުވާނުންނަށް އެކުދިންގެ ހުނަރު ދައްކާލުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުން އޮތް ފޯރިގަދަ މާހައުލެއްގައި ވާދަކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
ޖެހިޖެހިގެން ދެވަނަ އަހަރު މި ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލުމުން ދޭހަވަނީ ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރެވެ. އުރީދޫ ނޭޝަނުން ބުނި ގޮތުގައި އެ ކުންފުނިން ދެމިއޮންނާނީ ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ ގޭމިންގ ދާއިރާ ހަރުދަނާކޮށް، ޑިޖިޓަލްކޮށް ގުޅިފައިވާ ރާއްޖެއެއްގެ ތަސައްވުރަށް އެއްބާރުލުން ދިނުމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!