ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މެލޭޝިއާއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ރަންޖިނި ޖީވަނަންތަން އާއި، ގދ. ވާދޫ / ފުރުސަތު، އުމުރުން 29 އަހަރުގެ ލޫޠު އިބްރާހީމް ގެ އިތުރުން ގއ. ދާންދޫ / ސަންލައިޓްވިލާ، އުމުރުން 21 އަހަރުގެ އަޙްމަދު ރިޝްމާހް އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި މި މައްސަލައާ ގުޅުންހުރި އަނެއް ދެ މީހުން ކަމަށްވާ ލޫޠު އިބްރާހީމް އާއި އަޙްމަދު ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރަންޖިނި ޖީވަނަންތަން އާއި ލޫޠު އިބްރާހީމް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު ރިޝްމާހްގެ ބަންދަށް ކޯޓުން ދީފައިވަނީ ފަސްދުވަހުގެ މުއްދަތެކެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.