ތ. ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވިލިފުށީގައި އެއާޕޯޓެއް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

Ad
rt

ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އަދި ވިލުފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް އެމްއޭސީއެލްއިން ބުނީ މި މަޝްރޫއުގެ ތެރެއިން ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ތެރެއިން 79 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިންމާލާފައިވާއިރު އެއީ މުޅި މަސައްކަތުގެ 98 އިންސައްތަ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

މި މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެން ނެވެ.

މި އެއާޕޯޓަކީ 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ. އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.