ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސްރީލަންކާ އެކްސްޕޯ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް މި މައުރަޒުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
އިގްތިސޯދީ ވުޒާރާއިން ބުނި ގޮތުގައި، މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 18 އިން 21 އަށް، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލް (ބީއެޗްއައިސީއެޗް) ގައެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަން ސްރީލަންކާ ސަރުކާރުން މިހާރު ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ.
ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި މައިގަނޑު ގޮތެއްގައި ދައްކުވައިދޭނީ ޓޫރިޒަމް، ދަނޑުވެރިކަމާއި ކާބޯތަކެތި، އަދި އެކި ކަހަލަ ހިދުމަތްތަކާ ގުޅުންހުރި ދާއިރާތަކެވެ. މިއީ ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް ބައިނަލްއަގުވާމީ މައިދާނުގައި އިޝްތިހާރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ލިބޭނެ އެކި ޕެކޭޖްތަކުގެ ތަފްސީލު ސްރީލަންކާ ސަރުކާރުން ވަނީ ހިއްސާކޮށްފައެވެ. މި ޕެކޭޖްތަކާ ގުޅޭ އިތުރު މައުލޫމާތު އިގްތިސޯދީ ވުޒާރާގެ އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި މައުރަޒާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އިގްތިސޯދީ ވުޒާރާގެ އީމެއިލް އެޑްރެސް international@trade.gov.mv އަށް މެއިލްކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން މައުރަޒުގެ ރަސްމީ ވެބްސައިޓް ކަމަށްވާ www.srilankaexpo.lk އިން ވެސް ތަފްސީލީ މައުލޫމާތު ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!