ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

Ad
rt

ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު މެންދުރު ފަހުން ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދިޔައީ މައްޗަން ގޯޅި ދާއިރާގައެވެ. މީގެ ކުރިން ރައީސް ވަނީ މާފަންނު ހުޅަނގު ދާއިރާގެ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް އާއި މާލެ ސަރަޙައްދުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސްކަމަށް ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން، މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައި ވެއެވެ.

މި ހަރަކާތުގައި ރައީސް ވަނީ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު އޮޅުންފިލުއްވައި ދަތިވާ ކަންކަން އައްސަވާފައެވެ.

އިންތިހާބުގެ ހަރަކާތްތައް ޕީއެންސީން ފޯރީގައި ކުރިއަށް ގެންދާއިރު މިހަރު ވެސް އިންތިހާބަކާ ނުލައި އެ ޕާޓީއަށް ވަނީ 70 ގޮނޑި ލިބިފައެވެ. އެއީ ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 42 ގޮނޑި އެވެ.