ހދ. މަކުނުދޫ ކައުންސިލުން ދޭ "ވިޒިނަރީ ލީޑަރ އެވޯޑް 2025" އެ ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ނަޝްވާ އަޙްމަދު ފައިސަލް އަށް ލިބިއްޖެއެވެ.

ނަޝްވާ އަށް މި އެވޯޑު އަރުވާފައިވަނީ މަކުނުދޫ ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި "ސްޓާފް އެންޑް އެވޯޑް ނައިޓް 2026" ގައެވެ.

Ad
rt

މި އެވޯޑާއެކު ނަޝްވާ އަށް ވަނީ ދުބާއީގެ "ލީޑް އެޖް" ގެ ފަރާތުން ދެއްވާ 3 ދުވަހުގެ "ފުލީ ފަންޑެޑް ލީޑަރޝިޕް ޕްރޮގްރާމް" އެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައެވެ. މި ޕްރޮގްރާމްގެ ވައުޗަރު ވެސް ވަނީ އެ ހަފްލާގައި އޭނާއާ ހަވާލުކޮށްފައެވެ.

މަކުނުދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި އެވޯޑް ހޮވުމުގައި މައިގަނޑު ތިން މިންގަނޑަކަށް ވަނީ ރިޢާޔަތްކޮށްފައެވެ. އެއީ މަސައްކަތުގެ ފެންވަރު ބަލާ "ޕާފޯމަންސް އެޕްރައިޒަލް" އަށް ދެވޭ 60 އިންސައްތަ އާއި، ސުޕަވައިޒަރުގެ ބެލުމުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ފީޑްބެކަށް ދެވޭ 20 އިންސައްތަ އަދި ކައުންސިލް މެންބަރުންގެ ފަރާތުން ދެވޭ 20 އިންސައްތަ ފީޑްބެކެވެ. ނަޝްވާ މި އެވޯޑު ހާސިލްކުރެއްވީ މި ހުރިހާ ދާއިރާއަކުން ޖުމްލަ 100 އަކުން އެންމެ މަތީ ނަތީޖާ ހޯއްދަވައިގެންނެވެ.

މި ހަފްލާގައި މަކުނުދޫ ކައުންސިލް "ވިޒިނަރީ އެމްޕްލޯއީ އެވޯޑް 2025" ހާސިލްކޮށްފައިވަނީ އެސޯސިއޭޓް ކައުންސިލް އޮފިސަރ ޔާމީން އަބްދުލް ލަތީފް އެވެ. މީގެ އިތުރުން އެކި ދާއިރާތަކުން މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް ގިނަ އެވޯޑްތަކެއް ވަނީ ބަހާފައެވެ.

އޭގެ ތެރޭގައި އެޓެންޑަންސް އެކްސަލެންސް އެވޯޑް، އެކްސަލެންސް އިން ޕާފޯމަންސް އެވޯޑް، މައިލްސްޓޯން އެޗީވްމަންޓް އެވޯޑް، ޑެކޭޑް އޮފް ޑެޑީކޭޝަން އެވޯޑް، ލެގަސީ އޮފް ލީޑަރޝިޕް އެވޯޑް، ސަޕޯޓް އެކްސަލެންސް އެވޯޑް އަދި ސުޕީރިއަރ އެކްސަލެންސް އެވޯޑް ހިމެނެއެވެ.

މި އެވޯޑް ނައިޓަކީ ވޭތުވެދިޔަ އަހަރު މަކުނުދޫ ކައުންސިލަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދީ، މަސައްކަތުގައި ނަމޫނާ ދެއްކި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ މަގްސަދުގައި ބޭއްވި ހަރަކާތެކެވެ.