ބޯފެނާއި ލުއި ބުއިންތައް ބަންދުކޮށްފައި ހުންނަ އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ވިޔަފާރި ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައި ހުންނަ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، މިފަދަ ފުޅިތަކަކީ ވަކި ހާއްސަ ބާވަތްތަކެއް ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ) ފުޅިތަކެކެވެ. މިއީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ޖެހޭ ތަކެއްޗެވެ.
މިފަދަ ފުޅިތައް ތަކުރާރުކޮށް ބޭނުންކުރުމުގެ ސަބަބުން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ފޯރައި، އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮންނަކަމަށް އެމްއެފްޑީއޭއިން ހާމަކުރެއެވެ. މީގެ ސަބަބުން ދިގުމުއްދަތުގައި ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އެހެންކަމުން، އާންމުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އެފަދަ ފުޅިތަކާއި ކޮތަޅުގައި ކާބޯތަކެތި ބަންދު ނުކުރުމަށް އެ އިދާރާއިން ވަނީ ހުރިހާ ވިޔަފާރިވެރިންނަށާއި އާންމު ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!