މާލޭގައި ހުރި ދުވަސްވީ މިސްކިތެއް ކަމަށްވާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި މިސްކިތަކީ އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެހެން ޖާގަ ތަނަވަސްކޮށް، ރީތި ފަރުމާއަކަށް ބިނާކޮށްފައިވާ މިސްކިތެކެވެ.

Ad
rt

މި މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ކެބިނެޓު ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން މިސްކިތް ބިނާކުރި ޢާއިލާގެ ގިނަ ބަޔަކު ބައިވެރިވެލެއްވިއެވެ.

ރައީސް ބަރުބަރީ މިސްކިތް ހުޅުއްވައިދެއްވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ މިސްކިތުގެ އެކި ބައިތައް ބައްލަވާލައްވާފައެވެ.

ބަރުބަރީ މިސްކިތް އަލުން ބިނާކޮށްފައިވަނީ އަލިސާފު ކުންފުނީގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިއަދު މި މިސްކިތުގައި ކުރެވުނު ފުރަތަމަ ނަމާދު ކަމަށްވާ އަޞްރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޙަޠީބު އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދުއެވެ.

ރައީސް ބަރުބަރީ މިސްކިތް ބައްލަވާލައްވަނީ، ފޮޓޯ: ރައީސް އޮފީސް

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަލުން ހުޅުވާފައި މިވަނީ، މާލޭގައި ހުރި ކުރީގެ މިސްކިތްތައް އާބާތުރަ ފިލުވައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ފައްޓަވާފައިވާ ޚާއްސަ މަސައްކަތްޕުޅުގެ ދަށުންނެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އެ ވުޒާރާގެ ބެލުމުގެ ދަށުން އިސްލާމީ ދާއިރާއާ ގުޅުންހުރި 90 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދެއެވެ. މީގެ ތެރޭގައި އާ މިސްކިތްތައް ބިނާކުރުމާއި މިހާރު ހުރި މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.