ރާއްޖޭގައި ކަސްޓަމަރުންގެ އިތުބާރު ބޮޑު މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ތާވަލުކޮށްފިއެވެ.

މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު އޮންލައިންކޮށް ނުވަތަ އުރީދޫ ހެޑްކުއާޓަރަށް ހާޒިރުވެގެންވެސް ހިއްސާދާރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

Ad
rt

މި ޖަލްސާގައި ބައިވެރިވެވޭނީ 12 ފެބުރުވަރީ 2026 ގެ ނިޔަލަށް އުރީދޫގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 2 މާރިޗު 2026 ގެ ރޭގަނޑު 9:30 އެވެ.

މި އަހަރުގެ ޖަލްސާގެ އެޖެންޑާގައި މުހިންމު ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި، ހިއްސާދާރުންނަށް ޑިވިޑެންޑް ބަހާނެ މިންވަރު ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން އޮޑިޓަރުން އައްޔަންކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުންވެސް މި ޖަލްސާގެ ތެރެއިން ކުރިއަށްދާނެއެވެ.

ޖަލްސާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭ އުސޫލުންނެވެ. އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެ ވޯޓުލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އުރީދޫ ހެޑްކުއާޓަރަށް ހާޒިރުވެގެން ޖަލްސާގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ރަޖިސްޓަރީ ކުރާ 128 ހިއްސާދާރުންނަށެވެ. ޖަލްސާއަށް ހާޒިރުވާ ފަރާތްތަކުން އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ގެންދަން ޖެހޭނެ ކަމަށް އެ ކުންފުނިން ހަނދާންކޮށްދެއެވެ.