ހުޅުމާލޭ ފޭސް 1 ގައި ހުންނަ ރެއިން ކޯރަލް ރެސިޑަންސްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ބޮޑު ފިހާރައެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ފިހާރަ ހުންނަނީ ހައިވޭއިން ނުކުމެގެން ދެވޭ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް އިމާރާތުގައެވެ.
ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފިހާރަ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި އެ ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި ހުޅުމާލޭގައި އަލަށް ހުޅުވި މި ފިހާރައިން މާލޭގެ ޕީޕަލްސް ޗޮއިސް އިން ލިބޭ ހުރިހާ ބާވަތެއްގެ މުދާ ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެ ކުންފުނިން ވިއްކާ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ ފިލިޕްސް، ހިޓާޗީ އަދި އެލްޖީ ބްރޭންޑުގެ އިލެކްޓްރޯނިކް ސާމާނު ހިމެނެއެވެ.
މި ފިހާރަ ހުޅުވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހުޅުމާލޭގައި އެސްޓީއޯގެ އައުޓްލެޓެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ހުޅުވި ތަނެއް ކަމަށެވެ.
މި ފިހާރަ ހުޅުވުމާއެކު، މާލެއެކޭ އެއްފަދައިން ހުޅުމާލެއިން ވެސް ފަސޭހަކަމާއެކު އަސާސީ ކާބޯތަކެތި ލިބޭނެއެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަލަށް އިތުރުކޮށްދެއްވާފައިވާ 23 ބާވަތާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމުލަ 26 ބާވަތުގެ އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި އާންމުންނަށް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ހުޅުމާލެ ފޭސް 1 ގައި މިހާރު ވެސް އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއްގެ އިތުރުން ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހާރައެއް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!