ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުގައި ކަމަށެވެ.
މިބައްދަލުވުމުގައި، ރައީސް މުޢިއްޒު ވަނީ ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތާރިޤް ރަޙްމާން އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަދި، ދެޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ރައީސް މުޢިއްޒަށް ޝުކުރު ދަންނަވައި އަދި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި، ޞިއްޙީ، ތިމާވެށި، މަތީ ތަޢުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި ކަން ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.
މިއީ ރައީސް މުޢިއްޒު ބަންގްލަދޭޝަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!