އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙު (27އ) އެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި ޢަލީ އަފްލަޙު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 11 ފެބްރުއަރީ 2026 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޢަލީ އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ އަފްލަޙަކީ ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް" ގެ ވެރިޔާއެވެ. ނަމަވެސް އެތަނުގެ ހިއްސާ ވަނީ އަފްލަހުގެ ބޭބެ އާއި ބޭބެގެ އަނބިމީހާގެ ނަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަދަލުކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!