މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދެއްވުމަށާއި ކޮންމެ ފްލެޓަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

މިކަން އިޢުލާނު ކުރެއްވީ ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ އެކު ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ހޯމަ ދުވަހު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ފްލެޓްތަކުގެ ވެރިފަރާތްތަކުން ވަނީ އިމާރާތްތަކުގެ ހާލަތާއި، ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުންތައް ރައީސަށް ހިއްސާކުރައްވާފައެވެ.

ރައީސް މުޢިއްޒު ނިންމަވާފައިވަނީ ސިނަމާލެ 1، 2، 3 އަދި 4 ގެ އިތުރުން މާލެހިޔާ 1 އަދި 2 ގެ ފްލެޓްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދެއްވުމަށެވެ. މީގެ އިތުރުން، އެ ފްލެޓްތައް ބައުވެ، ސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުންތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާތީ، ކޮންމެ ފްލެޓަކަށް 100،000 (އެއްލައްކަ) ރުފިޔާގެ އިނާޔަތެއް ދެއްވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

މި އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލެއްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ފްލެޓަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާއަށްވުރެ ގިނަނަމަ، އެ އަދަދުން އެއްލައްކަ ރުފިޔާ އުނިކޮށްދެއްވާނެއެވެ. އަދި ދައްކަންޖެހޭ އަދަދު އެއްލައްކަ ރުފިޔާއަށްވުރެ މަދުނަމަ، ބާކީވާ ބައި ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވާނެއެވެ.

މީގެ އިތުރުން، ފްލެޓް މިލްކުކުރުމަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިންމާފައިވާ ފަރާތްތަކަށް، އެއްލައްކަ ރުފިޔާގެ އިނާޔަތް އެއްކޮށް އެ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.