ސަރުކާރަށް ދެ އަހަރު ވީއިރު ކުރީ ކީއްތޯ ސުވާލު އުފައްދަވައި އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތަކަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
މި ސަރުކާރަށް ދެ އަހަރު ވީިއރު ސަރުކާރުގެ ވައުދުތައް ނުފުއްދާކަމަށާއި ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ވަރަށް މަޑު ކަމަށް ބުނެ ވާދަވެރިން އަންނަނީ ފާޑުކިޔަމުންނެވެ. މި ވާހަކަތަކަށް ރައްދު ދެއްވައި ގއ.ވިލިނގިލީ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެމްޕެއިނު ހަރަކާތްތައް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ 2024 ވަނަ އަހަރު ކޮންގްރެސް ޕާޓީއަށް ސަރުކާރު ލިބުނު އިރު ލިބުނީ ހުސް ތޮށިގަނޑު ކަމަށެވެ. ކޮންގްރެސް ޕާޓީގެ ސަރުކާރަށް ދެ އަހަރު ވީއިރު ހާސިލުކުރެވުނު ކަމެއް ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ވެސް ޝުޖާއު ވަނީ ރައްދު ދެއްވާފައެވެ.
"އެމްޑީޕީ މީހުން ބުނާނެ ޝުޖާއުއޭ މަނިކުފާނުމެންގެ ސަރުކާރަށް ދެ އަހަރު ވީއިރު ކޮންކަމެއްހޭ ކުރީ؟. ދެ އަހަރު ވީއިރު ގައުމު ނުދަރުވާ ހިފަހައްޓައިފީމެއްނު. އެއީ ކިހާ ބޮޑު ކަމެއް. މުޅި މާލިއްޔާ އޮތީ ހުސްކޮށްލާފައި. މުޅި ގައުމު ބަނގުރޫޓު ވާގޮތަށް އޮތީ ކަންކަން ޕްލޭން ކޮށްފައި". ޝުޖާއު ވިދާޅުވިއެވެ.
ދެ ހާސް ސައުވީސް ވަނަ އަހަރުގެ މާޗު މަހާ ހިސާބަށް ދާއިރު ރާއްޖެ ބަނގުރޫޓުވެ، ފައިސާ ޗާޕުކުރަން ސަރުކާރަށް ޖެހޭނެކަމަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބުނަމުން އައިކަމަށާއި ނަމަވެސް ދެ އަހަރުގެ ތެރޭގައި އެއީ ދޮގެއްކަން ނަތީޖާއިން ދައްކާދީފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައީސް މުއިއްޒު ގެނަދަވަނީ ރުފިޔާ ޗާޕު ނުކޮށް ދަރަނި ދައްކަވައި، ގައުމުގެ އިގްތިސާދީ އިޖުތިމާއީ ފޭރާން ހެޔޮ ކުރައްވަމުންކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ މިއަށް ވުރެ ބޮޑު ކަމެއް ސަރުކާރަކުން ރައްޔިތުންނަށް ކޮށްދިންތޯ ވާދަވެރިންކުރެ އައްސަވާފައެވެ. ވޭތުވެ ދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ވެސް ދައްކާނީ މި ސަރުކާރުންކަމަށާއި ދަރަނި ދައްކަމުން ގައުމު އާރާސްތުކުރެވޭނެ ގާބިލުކަން އެބަހުރިކަމަށް ޝުޖާއު ވިދާޅުވިއެވެ.
ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެވުނު އެންމެ މުހިންމު ކަމަކީ ގައުމު ނުދަރުވާ ހިންގުންކަމަށް ޝުޖާއު ވިދާޅުވީއިރު މާލީ ގޮތުން އަދަށްވުރެ ފަހި މާދަމާއެއް ދިވެހި ޤައުމަށް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިވަގުތު ޤައުމުގެ ރަސްމީ ގްރޮސް ރިޒާވްގެ މިންވަރު 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، މިއީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މި ޢަދަދު އެންމެ މައްޗަށް ދިޔަ ފަހަރެވެ. އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު، 2025 ވަނަ އަހަރު ލިބިފައިވާއިރު، އެކަމުގެ ނަތީޖާއަކަށްވީ، ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) އަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ވެސް ހެޔޮ ބަދަލު އައިސްފައިވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!