1967 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތް ފަހުން ފުރަތަމަ ފަހަރަށް، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް "ދައުލަތުގެ ބިމުގެ" ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިސްރާއީލު ސަރުކާރުން އާދީއްތަ ދުވަހު ފާސްކޮށްފިއެވެ.
އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓަރު 'ކާން' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުށަހެޅުން ހުށަހެޅީ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗާއި، ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިންގެ އިތުރުން ޑިފެންސް މިނިސްޓަރު އިސްރާއީލު ކާޓްޒް އެވެ.
އިސްރާއީލްގެ ސަރުކާރުގެ މި ނިންމުމާ ގުޅޭގޮތުން 'އިސްރާއީލު ހަޔޯމް' ނޫހުން ބުނެފައިވަނީ، މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް "އޭރިއާ ސީ" ގެ %15 ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވުން ކަމަށެވެ. 1995 ވަނަ އަހަރު ސޮއިކުރި 'އޮސްލޯ 2' އެއްބަސްވުމުގެ ދަށުން، 'އޭރިއާ އޭ' އޮންނަނީ ފަލަސްތީނުގެ ފުރިހަމަ ބާރުގެ ދަށުގައެވެ. 'އޭރިއާ ބީ' ގައި އޮންނަނީ ފަލަސްތީނުގެ މަދަނީ އިދާރީ ބާރާއި އިސްރާއީލުގެ ސަލާމަތީ ބާރެވެ. ނަމަވެސް ހުޅަނގު އައްސޭރީގެ %61 ހިއްސާކުރާ 'އޭރިއާ ސީ' އަދިވެސް އޮންނަނީ އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ.
އެ ނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި، އިސްރާއީލް ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު ނަތީޖާއަކީ، ވަކި ފަރާތެއްގެ މިލްކުވެރިކަން ސާބިތުނުވާ ހުރިހާ ބޮޑެތި ބިންތަކަކީ އިސްރާއީލު ދައުލަތުގެ ބިންތަކެއްގެ ގޮތުގައި ބަދަލުވެގެން ދިއުމެވެ. މީގެ މާނައަކީ، ބިންތައް ރަސްމީކޮށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ސިޔާސީ ނިންމުމެއް ނުނިންމި ކަމުގައިވިޔަސް، ބިންތަކުގެ ރަޖިސްޓްރީގައި އެއީ ދައުލަތުގެ ބިންތަކެއް ކަމަށް ލިޔުމުން، އެ ބިންތަކުގެ މައްޗަށް އިސްރާއީލުން އޮތް ބާރުވެރިކަން ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ ކަމަށް އެ މީހުން ބުނެއެވެ.
އޮސްލޯ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ އިދާރާއަށް ބިން ރަޖިސްޓްރީ ކުރުމުގެ ބާރު އޮންނަނީ ހަމައެކަނި 'އޭރިއާ އޭ' އަދި 'ބީ' ގައެވެ. 'އޭރިއާ ސީ' ގައި އެފަދަ އެއްވެސް ކަމެއް ކުރުން ފަލަސްތީނަށް ވަނީ މަނާކޮށްފައެވެ. މި ނިންމުން ތަންފީޒުވާން ފެށުމުން، 'އޭރިއާ ސީ' ގެ ބިންތަކުގެ މިލްކުވެރިކަން ރަޖިސްޓްރީކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ އިސްރާއީލުގެ 'ކޯޑިނޭޝަން އޮފް ގަވަރްމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް' (ސީއޯގީއޭޓީ) އިންނެވެ. މީގެ ތެރޭގައި ބިން ވިއްކުމުގެ ހުއްދަ ދޫކުރުމާއި، ފީ ނެގުމާއި، ރަޖިސްޓްރީ ކުރުމުގެ ހުރިހާ މަރުހަލާއެއް ބެލެހެއްޓުން ހިމެނެއެވެ. އަދި މި ސަރަހައްދުތަކުގައި ފަލަސްތީނުގެ އިދާރާއަށް މިފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށް ހުރަސް އަޅާނެއެވެ.
މި ފިޔަވަޅަކީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ގަވާއިދާ ހިލާފަށް ކުރިއަށްގެންދާ މަޝްރޫއުތައް ފުޅާކުރުމަށާއި، އެ ސަރަހައްދުގެ މައްޗަށް އިސްރާއީލުގެ ބާރު ގަދަކުރުމަށް މިދިޔަ ހަފުތާގައި އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކުރި ސިލްސިލާ ނިންމުންތަކުގެ ބައެކެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ނިންމުންތަކުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ބިންތައް ގަވާއިދާ ހިލާފަށް ވަޒަންވެރިވެފައިވާ ޔަހޫދީންނަށް ވިއްކުން މަނާކުރާ ގާނޫނު އުވާލުމާއި، ބިންތަކުގެ މިލްކުވެރިކަމުގެ ރެކޯޑްތައް ހާމަކުރުމާއި، ހިބްރޫން (ޚަލީލް) ކައިރީގައިވާ ސަރަހައްދުތަކުގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ ބާރު ފަލަސްތީނުގެ މުނިސިޕަލްޓީން އަތުލައި، އިސްރާއީލުގެ މަދަނީ އިދާރާއަށް ބަދަލުކުރުން ހިމެނެއެވެ.
2023 އޮކްޓޯބަރު 8 ގައި ގާޒާއަށް ހަމަލާދޭން ފެށި ފަހުން، އިސްރާއީލުން ވަނީ އިރުމަތީ ގުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގައި ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށްފައެވެ. ފަލަސްތީނު ރައްޔިތުން ގަބޫލުކުރާ ގޮތުގައި، މީހުން މެރުމާއި، ހައްޔަރުކުރުމާއި، ގެދޮރުން ބޭރުކުރުމާއި، އަދި ޔަހޫދީ އާބާދީތައް ފުޅާކުރުމުގެ މި އަމަލުތަކަކީ މުޅި ހުޅަނގު އައްސޭރި ރަސްމީކޮށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތެކެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2024 ޖުލައި މަހު ނެރުނު ތާރީޚީ ނިންމުމެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން ތިބި ތިބުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ހުރި ހުރިހާ ޔަހޫދީ އާބާދީތަކެއް ހުސްކުރަން ޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!