ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު، މި ހާލަތަށް ގައުމު ދާންޖެހުނު މައިގަނޑު ސަބަބަކީ އެކި ސަރުކާރުތަކުން ވޯޓު ހޯދުމުގެ ބޭނުމުގައި ގެންގުޅުނު އުސޫލުތައް ކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ކަންވެސް ކުރަށްވާ ގާސިމް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް އެއްވެސް ހައްދެއް ނެތި ސަރުކާރުތަކުންނާއި ރައީސުން ކަންކަން ކުރެއްވި ގޮތުގެ ސަބަބުން ގައުމުގެ މާލީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ވޯޓު ހޯދުމުގެ ބޭނުމުގައި އެއްވެސް ޑިސިޕްލިނެއް ނެތި ހަރަދުތައް ކުރަމުން އަންނަކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި އިތުރުވަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ގާސިމް ވިދާޅުވީ، ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުނުއިރު ގައުމުގެ ޖުމްލަ ދަރަންޏަކީ 9 ބިލިއަން ރުފިޔާ ކަމަށެވެ. އެއިގެ ފަހުން ރައީސް މުޙައްމަދު ނަޝީދުގެ ދެ އަހަރުގެ ވެރިކަން ނިމުނު އިރު ދަރަނި 23 ބިލިއަނަށް އަދި ރައީސް ވަހީދުގެ ވެރިކަން ނިމުނު އިރު 27 ބިލިއަނަށް އެއިގެ ފަހުން ޔާމީންގެ ވެރިކަން ނިމުނުއިރު 60 ބިލިއަނަށް ދަރަނި އަރައިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙްގެ ވެރިކަން ނިމިގެން ދިޔައިރު އެތެރެއާއި ބޭރުގެ ދަރަނި ޖުމްލަ 126 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސް ޞާލިޙްގެ ވެރިކަން ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ ބިލިއަނުން ހުރިކަން ފާހަގަކުރައްވައި، ފެނަކަ ކުންފުންޏަށް އެކަނިވެސް 3 ބިލިއަން ރުފިޔާ ދައްކަންޖެހިފައިވާކަން ގާސިމް ހާމަކުރެއްވިއެވެ.
"ސަރުކާރުތަކުން ވޯޓު ހޯދަން އެއްވެސް ޑިސިޕްލިނެއް ނެތި ކަންކަން ކުރަމުންދަނީ. އެއް ވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވާއިރު ކޮންމެ ފަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި އޮވޭ،" ގާސިމް ވިދާޅުވިއެވެ.
ގައުމަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ދެއްކުން ކަމަށްވާއިރު، ރާއްޖެއަށް އިތުރު ލޮޅުމެއް އަޔަނުދީ މި ހާލަތުން ސަލާމަތްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައިވެސް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން އިހުތިޔާރު ކުރަންޖެހެނީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ވަނީ، ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ ސަރުކާރާއެކު ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!