ކޯޓު އަމުރަކާ ހިލާފަށް އެމެރިކާއިން ޑީޕޯޓްކޮށްލާފައިވާ ހޮންޑިއުރަސްގެ ކިޔަވާކުއްޖަކު އަނބުރާ އެމެރިކާއަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ހުކުރު ދުވަހު ޓްރަމްޕްގެ ސަރުކާރަށް އަމުރުކޮށްފިއެވެ.

Ad
rt

ބޮސްޓަންގެ ޔޫ.އެސް ޑިސްޓްރިކްޓް ފަނޑިޔާރު ރިޗަޑް ސްޓާންސް މި އަމުރު ނެރުއްވީ، މެސަޗޫސެޓްސްގެ ބެބްސަން ކޮލެޖްގައި ކިޔަވަމުންދާ އުމުރުން 20 އަހަރުގެ އެނީ ލޫޝިއާ ލޮޕޭޒް ބެލޯޒާ އަނބުރާ ގެނައުމަށް ސަރުކާރުން މީގެ ކުރިން އިންކާރުކޮށްފައި ވަނިކޮށެވެ. ފަނޑިޔާރު ވަނީ އޭނާ އަނބުރާ ގެނައުމަށް ސަރުކާރަށް ދެ ހަފުތާގެ މުއްދަތެއް ދީފައެވެ.

ހޮންޑިއުރަސްގެ ރައްޔިތެއް ކަމަށްވާ ލޮޕޭޒް ބެލޯޒާ އެމެރިކާއަށް އައީ އުމުރުން 8 އަހަރުގައި، ހިމާޔަތް ހޯދުމަށް މަސައްކަތް ކުރި އޭނާގެ މަންމައާ އެކުގައެވެ. އޭނާ ހިފެހެއްޓީ ތޭންކްސްގިވިންގް ބަންދަށް ޓެކްސަސްގައި ތިބި އާއިލާގެ ގާތަށް ދިއުމަށް ބޮސްޓަންގެ ލޯގަން އެއާޕޯޓުގައި ދަތުރުކުރަނިކޮށެވެ. އޭނާ ހައްޔަރުކުރުމުގެ އަސާސަކަށްވީ، އޭނާ އެމެރިކާއިން ބޭރުކުރުމަށް ނެރެފައިވާ ފައިނަލް އަމުރެއް އޮތްކަން އޭނާއަށް އެނގިފައި ނުވާތީ ކަމަށް ލޮޕޭޒް ބުނެފައިވެއެވެ.

ނޮވެމްބަރު 22 ވަނަ ދުވަހު އޭނާ ހޮންޑިއުރަސްއަށް ފޮނުވާލީ، އޭނާ ޑީޕޯޓްކުރުން ނުވަތަ އެ ސްޓޭޓުން ބޭރަށް ގެންދިއުން 72 ގަޑިއިރަށް މަނާކޮށް އޭނާގެ ވަކީލު މެސަޗޫސެޓްސްގެ ކޯޓަކުން އަމުރެއް ހޯދާފައި ވަނިކޮށެވެ. ޖެނުއަރީ މަހު ބޭއްވި އަޑުއެހުމެއްގައި ސަރުކާރުގެ ވަކީލަކު ވަނީ ކޯޓު އަމުރާ ހިލާފުވުމުގެ ސަބަބުން މާފަށް އެދިފައެވެ. އަދި އެއީ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އޮފިސަރަކަށް އެ އަމުރު ރަނގަޅަށް ފާހަގަނުކުރެވި ހެދުނު "ކުށެއް" ކަމަށް ބުނެފައެވެ. ނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ހަފުތާގައި ބުނެފައިވަނީ އޭނާއަށް އާ ސްޓޫޑަންޓް ވިސާއެއް ދޫކުރުމަކީ "އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ. އައިސީއީ އިން އޭނާ އަނބުރާ ގެނައުމަށް އިންކާރު ކުރުމާ ގުޅިގެން، ފަނޑިޔާރު ސްޓާންސް ވަނީ ފެބްރުއަރީ 27 ގެ ކުރިން އޭނާ އަނބުރާ ގެނައުމަށް ހަރުކަށި އަމުރެއް ނެރުއްވާފައެވެ.

ފަނޑިޔާރު ސްޓާންސް ލިޔުއްވާފައިވާ ގޮތުގައި، ބުއްދިވެރިކަމަކީ ތިމާގެ އަމިއްލަ ކުށްތައް ގަބޫލުކޮށް، އެކަންކަން އިސްލާހުކުރުމެވެ." އޭނާ ވިދާޅުވީ ސަރުކާރުން ކުށް ކުރެވުނު ކަމަށް އިއުތިރާފުވުމަކީ ތައުރީފު ހައްގު ކަމެއް ނަމަވެސް، މިހާރު މިއީ އެކަން ރަނގަޅު ކުރަންވީ ވަގުތު ކަމަށެވެ.

ލޮޕޭޒް ބެލޯޒާގެ ވަކީލު ޓޮޑް ޕޮމަރލޫ މި ނިންމުމަށް މަރުހަބާ ކިޔަމުން ވިދާޅުވީ، އޭނާއަކީ މިފަދަ ނަތީޖާއެއް ހައްގުވާ، ހިތްވަރުގަދަ ޒުވާން އަންހެނެއް ކަމަށެވެ. އޭނާ މިހާރު ހުރީ ހޮންޑިއުރަސްގައި އޭނާގެ ކާފަ އާއި މާމަގެ ގާތުގައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ތަރުޖަމާނަކު ވިދާޅުވީ، ލޮޕޭޒް ބެލޯޒާއަށް ގާނޫނީ ގޮތުން ލިބެންޖެހޭ ހުރިހާ ފުރުސަތެއް ދެވިފައިވާ ކަމަށާއި، އެއްވެސް "ކުށެއް" ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރުގެ އަމުރަށް އަމަލުކުރާނެ ގޮތެއް އެ ބަޔާނުގައި ހާމައެއް ނުކުރެއެވެ.