ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތަކީ އެމަނިކުފާނު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

Ad
rt

ރައީސް އެމްބަސީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގެންނެވި މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ އެމްބަސީގައި އޮންނަ މެހްނާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމްބަސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ މަސައްކަތްތަކާ ބެހޭގޮތުންނާއި، ޖަރުމަނުވިލާތުގައި އެބޭފުޅުންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދިޔަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި، އަންގާރަ ދުވަހު ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. އަދި ބާލިންގައި ކުރިއަށްދިޔަ "މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް" ގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ހާލުވެސް ބައްލަވާލައްވާފައެވެ.