ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން، ހއ. ކެލާ ޝައިޚް އިބްރާހީމް ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް އެ ސުކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ސެޝަންތަކަކީ ދަރިވަރުންގެ ހުނަރާއި އަހުލާގު ކުރިއެރުވުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.
މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގްރޭޑް 8 އަދި 9 ގެ ދަރިވަރުންގެ އިތުރުން ސްޓަރ ދަރިވަރުންނަށެވެ. މީގެ ތެރެއިން ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނަށް ހާއްސަކުރި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވުމުގެ މައްޗަށެވެ.
އެގޮތުން، އިހުތިރާމުކުރުމާއި، އަމިއްލައަށް ޒިންމާނެގުމުގެ މުހިންމުކަމާއި، އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ތެދުވެރިކަމާއެކު ޒިންމާދާރުކަމާއެކު ކުރިއަށް ދިއުމަށް ކުރަންޖެހޭ މުހިންމު ކަންކަންވެސް މި ސެޝަންގައި ވަނީ ކިޔައިދީފައެވެ. މި ސެޝަންގައި އެ ސުކޫލުގެ 31 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން، ސްޓަރ ދަރިވަރުންގެ ސުވިމިންގ ބެޖު ހާސިލުކުރުމަށް ޓެސްޓުކުރުމުގެ ގޮތުންވެސް ހާއްސަ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި މޫދަށްއެރި އުޅޭއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
ހަމައެއާއެކު، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ހަރަކާތުގެ ތެރެއިން މައުލޫމާތު ދީފައިވެއެވެ. ސްޓަރ ދަރިވަރުންނަށް އަމާޒުކުރި މި ހަރަކާތުގައި އެ ސުކޫލުގެ 13 ދަރިވަރުން ބައިވެރިވިކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!