ހއ. އިހަވަންދޫގައި ދިގު މުއްދަތަށް މަސްކައްކައި މަސްވެރިކަމާ ގުޅޭ އެކި މަސައްކަތްތައް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލައި އިހަވަންދޫ ކައުންސިލުން އާދީއްތަ ދުވަހު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިއީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.
ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްސީލް
އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުން 3,000 އަކަފޫޓުގެ 04 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރު ދުވަހުގެ ދިގު މުއްދަތަކަށެވެ.
ޕްރޮޕޯސަލް ހުށަހެޅުމާއި ރަޖިސްޓްރީވުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. ރަޖިސްޓްރީވުމަށްޓަކައި ކައުންސިލުން ދީފައިވާ އޮންލައިން ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 08 ފެބުރުވަރީ 2026 ގެ 23:59 އެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ޝަރުޠުތަކާއި ސުންގަޑި
މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި އިހަވަންދޫ ކައުންސިލް އިދާރާގައެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު ސިޓީއުރައިގައި ބަންދުކޮށް، ބޭރުގައި "މަސްކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ރަސްމީ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭގޮތުގައި އިހަވަންދޫއަކީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ އުތުރުގެ އެއް ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!