ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ދިވެހި ސިފައިން ހޯދި ކާމިޔާބީއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޓީމުގެ ހުރިހާ މެންބަރުންނަށް އެމަނިކުފާނު ވަނީ އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާފައެވެ.
އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތުގައި މިއަހަރު 16 ޤައުމަކުން 24 ޓީމު ބައިވެރިވެފައިވެއެވެ. މިއީ ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ ވަރަށް ވާދަވެރި އަސްކަރީ މުބާރާތެކެވެ.
ޕެޓްސް މުބާރާތަކީ ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެކެވެ.
މިފަދަ ބޮޑު މުބާރާތަކުން ދިވެހި ސިފައިން ރަން މެޑަލް ހޯދުމަކީ ރާއްޖޭގެ އަސްކަރިއްޔާގެ ފެންވަރު ބައިނަލްއަޤުވާމީ މައިދާނުގައި ސާބިތުކޮށްދިން ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!