ކުރިއަށް އޮތް ރަމަޟާން މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު އާންމުކޮށްފިއެވެ.

މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ވަކި ދެ އިއުލާނެއް މެދުވެރިކޮށެވެ.

Ad
rt

ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ހުންނާނެ ގަޑިތައް

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ދެމެދުގައެވެ.

މީގެ އިތުރުން، ރޯދަމަހަށްފަހު އަންނަ ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު މިފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މި އެންގުމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ކެފޭ، ރެސްޓޯރަންޓް އަދި ކެއިންބުއިމުގެ ޚިދުމަތްދޭ އެހެނިހެން ތަންތަނަށް އަމަލުކުރުން ލާޒިމު ގަޑިތަކެކެވެ.

މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއޓޭނެ ގަޑިތައް

ވިޔަފާރި ކުރާ ތަންތަނާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، 10 ފެބްރުއަރީ 2026 އިން ފެށިގެން ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުންނާއި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން މި ގަޑިތަކަށް ސަމާލުކަންދީ، އެގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން އަންނަނީ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތަކަށް ބަދަލުތަކެއް ގެންނަމުންނެވެ.