މަސް ކިލޯއަކަށް 16 ރުފިޔާ ދޭނެ ކަމަށް ބުނެ ރ. މަޑުއްވަރީ އާއި ދުވާފަރުގެ ބައެއް ދޯނިފަހަރުން މަސް ގަތުމަށްފަހު، ކިލޯއަކަށް 6 ރުފިޔާގެ މަގުން ފައިސާ ޖަމާކޮށްދީފައިވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ "ރ. މަޑުއްވަރީ މަސްވެރިން" ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ.
އެ ޕޭޖުން ހާމަކޮށްފައިވާ ގޮތުގައި، މަޑުއްވަރީ ބަނދަރުން މަސްގަންނަ "ސޮނީ" ދޯނިން 2026 ޖަނަވަރީ 27 ވަނަ ދުވަހު މަސް ގަނެފައިވަނީ ކިލޯއަކަށް 16 ރުފިޔާ ދޭނެ ކަމަށް ބުނެއެވެ. އަދި މަސް ގަންނަތާ ދެ ދުވަސް ތެރޭގައި ފައިސާ ދޭނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް ހަފްތާއެއް ވެގެން ދިޔައިރުވެސް ފައިސާ ލިބިފައި ނުވާތީ، މަސް ވިއްކި ދޯނިތަކުން އެ ކުންފުންޏަށް ގުޅުމުން ފައިސާ ޖަމާކޮށްފައިވަނީ ކިލޯއަކަށް އެންމެ 6 ރުފިޔާގެ ރޭޓުންނެވެ.
މަސްވެރިން ބުނާ ގޮތުގައި، ކުންފުނިން 6 ރުފިޔާގެ ރޭޓުން ފައިސާ ޖަމާކުރީ ގަތް މަސްތައް ހަލާކުވެފައިވާ ކަމަށް ބުނެ އޮޅުވާލުމަށްފަހުއެވެ. މިކަން "ރ. މަޑުއްވަރީ މަސްވެރިން" ޕޭޖުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
"މި ޕޭޖުގެ ފަރާތުން މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ،" އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މި މައްސަލަ ކުރިމަތިވެފައިވަނީ މަޑުއްވަރީގެ ތިން އޮޑިއަކަށާއި ދުވާފަރުގެ ބައެއް އޮޑިފަހަރުގެ އިތުރުން އެ ސަރަހައްދުން ސޮނީއަށް މަސްކިރި އެހެން ބައެއް އޮޑިފަހަރަށްވެސް ކަމަށް މަސްވެރިން މައުލޫމާތުދެއެވެ. އެހެންކަމުން، ސޮނީއަށް މަސްކިރުވާ އެންމެހާ އޮޑިވެރިންނާއި ކެޔޮޅުން މިކަމުގައި ސަމާލުވުމަށް އެ ޕޭޖުން ވަނީ އިލްތިމާސްކޮށްފައެވެ.
މަސްވެރިންގެ މި ކަންބޮޑުވުން ހާމަކޮށް ކޮށްފައިވާ ޕޯސްޓް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިިއްޒާއި، މަސްވެރިކަމާ ބެހޭ ވުޒާރާ އާއި، އެ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމާއި، ފުލުހުންގެ ޚިދުމަތާއި އަދި މަސް ގަތް ކުންފުނި ވެސް ޓެގްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!