ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026ގައި ހއ. އުތީމު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ކުރިމަތިލި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އަޒީމާ އަބްދުއްސަމަދަށް ވެސް ގޮނޑި ކަށަވަރުވެއްޖެއެވެ.

އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އަޒީމާ އަށް އެ ގޮނޑި ކަށަވަރުވެފައި ވާތީ އުތީމު އެ ދާއިރާ އަކަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވަނީ މީސްމީޑިއާގައި އޭނާ އަށް މަރުޙަބާ ކިޔާފައެވެ.

Ad
rt

''އުތީމު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި މިހާރު ހއ.އުތީމު އ.ތ.މ.ކ ކޮމިޓީގެ ރައީސާ އަޒީމާ އަބްދުއްސަމަދަށް މަރުޙަބާ ދަންނަވާ ތަހްނިޔާ އަރިސްކުރަން، އަޒީމާ އަކީ އުތީމު އ.ތ.މ.ކ ކޮމިޓީގެ ރައީސްގެ މަޤާމުގައި ހުންނަވައި ކަނބަލުންގެ ހައްޤުގައި މުރާލިކަމާއެކު މަސައްކަތްޕުޅު ކުރައްވަމުންގެންދަވާ ހީވާގި ކަނބަލެކެވެ. އަޅުގަނޑު ޔަޤީން ކުރަނީ އަޒީމާގެ ކައުންސިލް ކަމުގެ ދައުރުގައިވެސް އުތީމުރައްޔިތުންނަށް އިޚްލާސްތެރި،ތެދުވެރި،އަމާނާތްތެެރި މަސައްކަތްޕުޅު ތަކެއް ކޮށްދެއްވާނެ ކަމަށެވެ.'' ޝުޖާޢު ވިދާޅުވެފަވެއެވެ.

މީގެ އިތުރުން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވެސް ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ.

އަޒީމާ އަށް ގޮނޑި ކަށަވަރުވުމުން އިންތިޚާބަކާއި ނުލާ އުތީމު ކައުންސިލްގެ ދެ ގޮނޑި ޕީއެންސީ އަށް ވަނީ ކަށަވަރުވެފައެވެ. އެއީ، އެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީން ކުރިމަތިލި މިހާރުގެ ވެސް ރައީސް ޢަބުދުﷲ ރަޝީދަށް ކަށަވަރުވެފައިވާތީއެވެ. މިއީ ޢަބުދުﷲ ރަޝީދު މި މަގާމު ދިފާޢުކުރަށްވާ ހަތަރު ވަނަ ދައުރެވެ.

އުތީމު ޑަބްލިޔުޑީސީގެ ރައީސްގެ މަގާމަށް ކުރިމަތިލި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ޒަބީނާ އަށް ވެސް ވަނީ އިންތިޚާބަކާއި ނުލައި ގޮނޑި ކާމިޔާބުވެފައެވެ.

މީގެ އިތުރުން ބާރަށު ރަށު ކައުންސިލް ގޮނޑިވެސް ވަނީ ޕީއެންސީ އަށް ކަށަވަރުވެފައެވެ. ބާރަށު ރަށު ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބުވީ މިވަގުތު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނެވި ޢަލީ ސަމީމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026 އަށް ކުރިމަތިލި 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާއިރު، އެ ކެންޑިޑޭޓުންގެ ލިސްޓެއް އެ ކޮމިޝަނުން އަދި އާންމެއް ނުކުރެއެވެ.

މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މި އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައި ވަނީ 4 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުއެވެ.