އިރާނާއެކު އިޤްތިޞާދީ ގުޅުން ބާއްވާ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ނެގޭނެ ނިޒާމެއް ގާއިމުކުރުމުގެ ރިޔާސީ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ސޮއިކުރައްވައިފިއެވެ.

ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، އިރާނާ ދެކޮޅަށް އެމެރިކާއިން ކަނޑައަޅާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައި ނެރުއްވި މި އަމުރުގެ ދަށުން، އިރާނުން ސީދާކޮށް ނުވަތަ ނުސީދާކޮށް މުދަލާއި ޚިދުމަތް ހޯދާ ކޮންމެ ޤައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން، %25 އާ ހަމައަށް އިތުރު ޑިއުޓީއެއް ނެގުމުގެ އިޚްތިޔާރު އެމެރިކާއަށް ލިބިގެންވެއެވެ. މިއީ އެމެރިކާގެ ޤައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތު އަދި އިޤްތިޞާދީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

Ad
rt

މި އަމުރު ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގަވާއިދުތައް ހަދައި، އިރުޝާދުތައް ނެރުމުގެ ބާރު ސެކްރެޓަރީ އޮފް ސްޓޭޓާއި، ސެކްރެޓަރީ އޮފް ކޮމާސް އަދި އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްއަށް މިހާރު ވަނީ ދީފައެވެ. ނަމަވެސް، ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި ނުވަތަ އިރާނާއި އެހެނިހެން ޤައުމުތަކުން އެމެރިކާގެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރަން ފަށައިފި ނަމަ، މި ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ ބާރު ރައީސަށް އޮންނާނެ ކަމަށްވެސް ވައިޓް ހައުސްއިން ފާހަގަކުރިއެވެ.

ވައިޓް ހައުސްއިން ބުނާ ގޮތުގައި، މި ހަރުކަށި ފިޔަވަޅުތަކުގެ ބޭނުމަކީ އިރާނުގެ ''ނުފޫޒުތައް" ހުއްޓުވުމެވެ. މީގެ ތެރޭގައި އިރާނުގެ ނިއުކްލިއާ ޤާބިލުކަން އިތުރުކުރުމާއި، ޓެރަރިޒަމަށް ވާގިވެރިވުމާއި، ބެލިސްޓިކް މިސައިލް އުފެއްދުމުގެ އިތުރުން މެދުއިރުމަތީގެ ޖަމާޢަތްތަކަށް އެހީތެރިވެދިނުން ހިމެނެއެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އިރާނުން ފައިސާ ހޭދަކުރަނީ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކަށެވެ.

ޓްރަމްޕްގެ މި ނިންމެވުމަކީ އިރާނާ މެދު އެމަނިކުފާނު ގެންގުޅުއްވާ "މެކްސިމަމް ޕްރެޝަރ" ނުވަތަ އެންމެ މަތީ ދަރަޖައިގެ ދަތިކުރުމުގެ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ. ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު ޓްރަމްޕް ވަނީ އިރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ފުރުޞަތެއް ނުދިނުމަށްޓަކައި އެ ސިޔާސަތުތައް އަލުން އިޢާދަކުރައްވާފައެވެ.

މި އަމުރާއެކު، އެމެރިކާ ސަރުކާރުން ވަނީ އިރާނަށް ދަތުރުކުރުމުގައި ސަމާލުވުމަށް ސެކިއުރިޓީ އެލާޓެއްވެސް ނެރެފައެވެ. އަދި އިރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ރައްކާތެރިކަމާއެކު ވީ އެންމެ އަވަހަކަށް އެ ޤައުމުން ފޭބުމަށާއި، މުޒާހަރާތަކާ ދުރުހެލިވުމަށް ވަނީ އިރުޝާދު ދީފައެވެ.