ހއ. ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށްޓަކައި ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ހޯރަފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އިސްލާމީ މަރުކަޒު ބިނާކުރާނެ ބިމެއް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 14 ފެބުރުވަރީ 22026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:15 ގައެވެ.

Ad
rt

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީ ކައުންސިލް އިދާރާ (އޯކިޑްވިލާ) ގައެވެ.

ކައުންސިލުން ވަނީ މި މުހިންމު މަޝްރޫޢާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރަށުގެ ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައެވެ.

ހއ. އަތޮޅުގެ ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެ އަތޮޅު ދިއްދޫގައި މިހާރުވެސް ވަނީ އިސްލާމީ މަރުކަޒެއް ބިނާކޮށް ހުޅުވާފައެވެ. މީގެ އިތުރުން، އެ އަތޮޅު އިހަވަންދޫގައިވެސް އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުގައި އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢުތައް ހިންގަމުންނެވެ.