ހއ. ބާރަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި އެ މަގާމަށް ވާދަކުރި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓަށް ކަށަވަރުވެފައިކަން ބާރަށު ދާއިރާ އަކަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ހާމަކުރަށްވައިފިއެވެ.
ލަވައެއްގެ ތަންކޮޅެއް ލިޔުއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާޢު ވަނީ ޢަލީ ޝަމީމަށް މަރުޙަބާ ކިޔާފައެވެ.
''މަރުޙަބާ ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމް (އަލިބެ)، މާތްﷲގެ ވާގިފުޅާއެކު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޢަލިބެގެ ރައީސް ކަމުގެ ދައުރުގައި ބާރަށު ރައްޔިތުން ތަރައްޤީގެ އައު އުސްމިންތަކެއް ހާސިލް ކުރާނެކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެތް ނުކުރަން.'' ޝުޖާޢު ވިދާޅުވެފަވެއެވެ.
ކުރިން ހއ. އަތޮޅު ކައުންސިލްކަން ވެސް ކުރެއްވި ޢަލީ ޝަމީމަށް ގޮނޑި ކަށަވަރުވީ، އެ ގޮނޑިއަށް އިތުރު ކެންޑިޑޭޓަކު ވާދަނުކުރާތީކަމަށް އެނގިފަވެއެވެ.
ޢަލީ ޝަމީމަކީ މިވަގުތު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން ހއ. އުތީމު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ވެސް ޕީއެންސީ އަށް ވަނީ ކަށަވަރުވެފައެވެ. އުތީމު ކައުންސިލްގެ ގޮނޑި ކާމިޔާބުވީ ހަތަރު ވަނަ ދައުރަށް އެ މަގާމު ދިފާއުކުރައްވާ މިހާރުގެ ވެސް ރައީސް ޢަބުދުﷲ ރަޝީދަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026 އަށް ކުރިމަތިލި 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާއިރު، އެ ކެންޑިޑޭޓުންގެ ލިސްޓެއް އެ ކޮމިޝަނުން އަދި އާންމެއް ނުކުރެއެވެ.
މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މި އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައި ވަނީ 4 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!