ގައްޒާގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، 2024 ވަނަ އަހަރުގެ މެއި މަހަށްފަހު ފުރަތަމަ ފަހަރަށް ރަފަހް ބޯޑަރު ފެބްރުއަރީ 2، 2026 ގައި އަލުން ހުޅުވައިފިއެވެ.
ރަފަހް ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު ބޯޑަރު ހުރަސްކުރުމުގެ ހުއްދަ އިސްރާއީލުން ދިނީ ފަލަސްތީނުގެ އެންމެ 5 ބަލި މީހުންނަށް
ނަމަވެސް ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބޯޑަރު ހުރަސްކުރުމުގެ ހުއްދަ ދީފައިވަނީ ހުށަހެޅި 27 ނަމުގެ ތެރެއިން އެންމެ 5 ބަލިމީހުންނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ މެދުވެރިވެގެން ވެފައިވާ އެއްބަސްވުމުގެ ދަށުން ބޯޑަރު ހުޅުވާފައިވަނީ ޓްރަޔަލް ފޭސްއެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ދުވާލަކު ބޯޑަރު ހުރަސްކުރެވެނީ 50 އާއި 150 އާ ދެމެދުގެ އަދަދެއްގެ މީހުންނަށެވެ. ބޯޑަރުގެ ކަންކަން ބަލަހައްޓަމުންދަނީ މިސްރުގެ ކަމާބެހޭ ފަރާތްތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މޮނިޓަރުންގެ އިތުރުން އިސްރާއީލުގެ ސެކިއުރިޓީ ޗެކްތައް ހިމެނޭ ވަރުގަދަ ނިޒާމެއްގެ ދަށުންނެވެ.
އިންތިޒާރުގައި އެތައް ހާސް ބަޔަކު، ސިއްހީ ނިޒާމު އޮތީ ނުރައްކަލެއްގައި
ގައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ގައްޒާއިން ލިބެން ނެތް ހާއްސަ ފަރުވާ ހޯދުމަށް 20,000 އަށްވުރެ ގިނަ ބަލިމީހުން މިވަގުތު ވެއިޓިންގ ލިސްޓުގައި އެބަތިއްބެވެ. މީގެ ތެރޭގައި 4,000 ކުޑަކުދިން ހިމެނޭއިރު، 2024 ވަނަ އަހަރު ބޯޑަރު ބަންދުކުރި ފަހުން ބޭރަށް ފަރުވާއަށް ނުދެވި އިންތިޒާރުގައި ތިއްބާ 1,268 ބަލިމީހުން ވަނީ މަރުވެފައެވެ.
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ 'ސޭވް ދަ ޗިލްޑްރަން' ޖަމިއްޔާއިން އިންޒާރު ދޭ ގޮތުގައި، މިހާރު މީހުން ބޭރުކުރާ މަޑު ދުވެލީގައި ލިސްޓުގައި ތިބި މީހުން ބޭރުކުރުމަށް އަހަރަކަށްވުރެ ގިނަ ދުވަސް ނަގާނެއެވެ. މިއީ އަވަސް ފަރުވާއަށް ބޭނުންވެފައިވާ ސީރިއަސް ބަލިމީހުންނަށް އޮތް ވަގުތެއް ނޫންކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
މިސްރުގެ ތައްޔާރީތައް ފުރިހަމަ
ބޯޑަރުގެ އަނެއް ފަރާތުގައި، މިސްރުން ވަނީ ފަލަސްތީނުގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޮޑު ތައްޔާރީއެއް ވެފައެވެ. އެގޮތުން މިސްރުގެ އެކި ކަންކޮޅުތަކުގައިވާ 150 ހޮސްޕިޓަލެއް ތައްޔާރީ ހާލަތަށް ގެނެސްފައިވާއިރު، 300 އެމްބިއުލާންސް ވަނީ ބޯޑަރު ސަރަހައްދުގައި ތައްޔާރުކޮށްފައެވެ. މީގެ އިތުރުން ޔޫއެންގެ އެޖެންސީތަކުން ވަނީ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގައި މީހުން ފުރުވުމުގެ ކަންކަން ވިލަރެސްކުރުމަށް ރިސެޕްޝަން ސަރަހައްދުތަކެއް ގާއިމުކޮށްފައެވެ.
ކަންމިހެން އޮތް ނަމަވެސް، ބޯޑަރު ހުރަސްކުރުމުގެ ހުއްދަ ދޭ ރޭޓް އިންތިހާއަށް ދަށްވުމަކީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ އެތައް ހާސް ބައެއްގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!