ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ބޮޑު އިނާމަކާއެކު ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ހޯރަ ކަޕް 2026 ފުޓްސަލް މުބާރާތު''ގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ހއ. އަތޮޅުގެ ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ އެއް ޓީމަށެވެ. އެ ޓީމު އެރަށެއްގެ މުއައްސަސާއެއްގެ ނަމުގައި ނުވަތަ ކްލަބް ޖަމިއްޔާއެއްގެ ނަމުގައި ވެސް ބައިވެރިކުރެވިދާނެކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ.

Ad
rt

މި މުބާރާތަކީ ހއ.އަތޮޅުގެ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓަކައި، ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދައި، ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އަދި ދުޅަހެޔޮ ސިއްހަތެއްގައިގައި ދެމި ތިބުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެއްކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފައެވެ.

25 އޭޕްރިލް 2026 ގައި ފެށުމަށް ނިންމާފައިވާ މި މުބާރާތުގައި ރަޖިސްޓަރީވުމުގެ ސުން ގަޑިއަކީ 28 ފެބްރުއަރީ 2026ގެ 13:00 އެވެ. އަދި ޓީމު ލިސްޓް ހުށަހެޅުމުގެ ސުން ގަޑިއަކީ 30 މާރިޗް 2026ގެ 13:00 އެވެ.

މި މުބާރާތުގެ ގަވާއިދު ބުނާގޮތުން މި މުބާރާތުގައި އެރަށެއްގެ ޓީމަށް ކުޅެވޭނީ 1 ޖެނުއަރީ 2026ގެ ކުރިން އެރަށެއްގައި ރަށްވެހިވެފައިވާ ކުޅުންތެރިންނަށެވެ. އަދި އެރަށެއްގެ މީހަކާއި ކައިވެނިކޮށްގެން އުޅޭ ކުޅުންތެރިންނަށް ވެސް އެރަށެއްގެ ޓީމަށް ކުޅެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުން ވެސް 1000ރ.ގެ ފީއެއް ނަގާނެއެވެ. މި މުބާރާތުގައި ބައިވެރިވެ ގުރު ނެގުމަށްފަހު މުބާރާތުން ވަކިވެއްޖެނަމަ 5000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާއިރު، މި ފައިސާ ހޯރަފުށީ ކައުންސިލަށް ދެއްކުމުން ނޫނީ އެ ކައުންސިލުން އިންތިޒާމްކުރާ އިތުރު މުބާރާތަކުން ފުރުސަތު ނުދެވޭނެކަމަށް މުބާރާތުގެ ގަވާއިދުގައި ބުނެފަވެއެވެ.

މި މިބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދޭން ނިންމާފައިވާއިރު، ހޯރަފުށީ ކައުންސިލުން ބުނިގޮތުގައި މިއީ އެ ސަރަހައްދުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި ޗެމްޕިއަން، ރަނަރަޕް، ފެއަރޕްލޭ ޓީމް، މެޗުތަކުގެ މޭން އޮފް ދަ މެޗު، ބެސްޓް ކޯޗު، ޓޮޕް ސްކޯރާރ، 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެެރިޔާ، އަދި މުޅި މުބާރާތުގެ މޭން އިފް ދަ ޓޯނަމަންޓް ހޮވަން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ އެވެ.

ހޯރަ ކަޕް 2026 ފުޓްސަލް މުބާރާތް ނަމުގައި މުޅި އަތޮޅަށް ފުޓްސަލް މުބާރާތެއް އިއުލާންކޮށްފައި މިވަނީ ހއ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު މުޅި އަތޮޅަށް ބާއްވާ ''ތިލަ އުތުރު ފުޓްސަލް މުބާރާތް'' މި އަހަރު ބޭއްވޭގޮތް ނުވެފައި ވަނިކޮށެވެ. ހއ. އަތޮޅު ކައުންސިލުން އެ މުބާރާތް ބާއްވަން، ހޯސްޓް ކުރާނެ ރަށެއް ހޯދަން ކުރި ޢިއުލާން ވަނީ މާލީ ވުޒާރާގެ އެންމުގެ މަތިން ބާތިލްކޮށްފައެވެ. ހއ. އަތޮޅު ކައުންސިލުން ބޭއްވި "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގެ ޗެމްޕިއަންކަން ހޯދީ އުތީމެވެ.