އަދާލަތު ޕާޓީގެ އާ ރައީސަކަށް ޝައިޚް މުޙައްމަދު ޝިފާން އަދި ނައިބު ރައީސަކަށް ޝައިޚް ޢަބްދުﷲ ރަޝީދު އިންތިޚާބުވެއްޖެއެވެ.
މި އިންތިޚާބު ބާއްވާފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް އިމްރާން ޢަބްދުﷲގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އަދާލަތު ޕާޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޝައިޚް ޝިފާން މި އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 99 އިންސައްތަ ތާއީދާއެކުގައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 22 އިންސައްތަ މީހުންނެވެ.
މިފަހަރުގެ އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ ޓެކްނޮލޮޖީގެ އެހީގައި 'ފަހި ވޯޓު' އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށްކަމަށް އަދާލަތުން ބުނެއެވެ.
މި އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ގޮތާ މެދު ބައެއް ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، މި އިންތިޚާބުގައި ވާދަކުރެއްވި އިކްރާމް ޢަބްދުއްސައްތާރު ވަނީ އޮންލައިންކޮށް ވޯޓުލާން ނިންމުމާ ގުޅިގެން އިންތިޚާބު ބޮއިކޮޓް ކުރައްވާފައެވެ. އިކްރާމް ވަނީ އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ހަމަޔާއި އިންސާފުގެ މަގުން ބޭރުވެ، ހުދުމުހުތާރު ނިޒާމަކަށް މަގުފަހިވާގޮތަށް ޙީލަތްތެރި ރޭވުންތަކެއް ރާވަމުންދާ ކަމަށް ތުހުމަތުކުރަށްވާފައެވެ.
އިކްރާމްގެ ކެމްޕެއިން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ކޮންމެ ގޮތެއް ހަދައިގެން ވެސް އިންތިޚާބުން ބޭނުންވާ ނަތީޖާ ނެރެން ރާވާފައިވާކަން ކަށަވަރުވެފައިވާ ކަމަށް ތުހުމަތުކުރަށްވާފަވެއެވެ.
އިކްރާމް އިންތިޚާބު ބޮއިކޮޓްކުރެއްވުން
- އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ދެފުށްފެންނަ، ޢަދުލުވެރި އުސޫލުތަކާ ޚިލާފަށް ކަމަށް،
- ޢާއްމު މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ނުދިނުމަށާއި، ވޯޓުލެވޭ މީހުންގެ ލިސްޓު ކެންޑިޑޭޓުންނަށް ނުދެއްކުމަށް ޕާޓީން ނިންމާފައިވާކަން
- ޕާޓީގެ މަޤާމުތަކަށް މީހުން އައްޔަނުކުރުމުގައި އިންތިޚާބަކާ ނުލައި ވަކި ބަޔަކު ބޭނުންވާ ގޮތަށް އަމަލުކުރާ ކަމުގެ ޝަކުވާ
- އީ-ވޯޓިން ބޭނުންކުރުމުގައި މަކަރު ހަދާފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން
- ޕާޓީން ބުނެފައިވަނީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށާއި، ވޯޓު ފޮށި ބެހެއްޓޭނެ މަގެއް ނެތް ކަމަށް
- މަޝްވަރާ ކުރުމެއްނެތި ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރާތީ، އިންތިޚާބުގައި ބައިވެރިނުވާން އިކްރާމް ނިންމެވުން
އަދާލަތުގެ އައު ލީޑަރޝިޕެއް އިންތިޚާބު ކުރިއިރު 18 އޯގަސްޓް 2025 ގައި އިލެކްޝަން ކޮމިޝަން (އީސީ) އިން ރަޖިސްޓަރީކޮށްދިން މި ޕާޓީގައި މިވަގުތު ތިބީ 8267 މެމްބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!