މާލޭގައި އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނަކާއި، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ފިހާރައެއް ކަމާބެހޭ އިދާރާތަކުން ބަންދުކޮށްފިއެވެ.

މި ދެ ތަން ބަންދުކޮށްފައިވަނީ 2026 ޖެނުއަރީ 28 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގެ ތެރެއިންނެވެ. މި އިންސްޕެކްޝަނުގައި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއްކަން ފާހަގަކުރެވިގެން އެ މަސައްކަތް ވަނީ ވަގުތުން ހުއްޓުވާފައެވެ. އަދި ދެވަނަ ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އިންސްޕެކްޝަނާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އެ ދެ ތަން ބަންދުކޮށްފައެވެ.

މީގެ އިތުރުން، މި ދެ ތަނުން ފެނުނު ޖުމްލަ 15 ބިދޭސީ ފިރިހެނުން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ތަންތަނާއި، ސިއްހީ މިންގަނޑުތަކާ ހިލާފަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ހޯދައި ފިޔަވަޅު އެޅުމަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.