ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ބަދަލު ގެނައުމަށް ނިންމީ ކުރީގެ ޕްލޭންގައި 610 ގޯތި މަދުވާތީ، ޖުމްލަ 4072 ގޯތި ހިމެނޭ ގޮތަށް އައު ޕްލޭނެއް އެކުލަވާލުމަށްފަހުގައެވެ.
އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް ބާއްވާ މި ގުރުއަތުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 ގައި ސޯޝަލް ސެންޓަރުގައެވެ. ގުރުއަތު ނެގުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ވުޒާރާގެ މުވައްޒަފުންނެވެ.
ގޯތި ލިބޭ ކޮންމެ ފަރާތަކަށް ނުވަތަ އެ ފަރާތުގެ ބަދަލުގައި ހާޒިރުވާ މީހަކަށް ގުރުއަތުލާ ސަރަހައްދަށް ވަދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ ފަރާތަކަށް ލިބޭ ޕްލޮޓްގެ މައުލޫމާތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފްލޮޓް ނަންބަރު އެސް.އެމް.އެސް މެދުވެރިކޮށްވެސް އަންގާނެއެވެ. މީގެ އިތުރުން، މި ހަރަކާތް ޕީއެސްއެމް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލަށް ބަލާއިރު، 1250 އަކަފޫޓުގެ 2603 ގޯތި، 1650 އަކަފޫޓުގެ 1214 ގޯތި، 2050 އަކަފޫޓުގެ 254 ގޯތި އަދި 2450 އަކަފޫޓުގެ 1 ގޯތި ހިމެނެއެވެ.
ގުރުއަތުލާ ނިމުމުން، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނެ ގޮތް ފަހުން އިއުލާންކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އިތުރު 50 ހެކްޓަރުގެ ބިން އެ ސަރަހައްދަށް އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!