2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ހއ.އަތޮޅު ކައުންސިލަށް ދީފައިވާ ބްލޮކް ގްރާންޓްގެ މިންވަރު ކުޑަވުމުގެ ސަބަބުން ކައުންސިލްގެ މަސައްކަތު ތާވަލުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް ދިނުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ހއ.އަތޮޅު ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދައުލަތުގެ ބަޖެޓުން މި އަހަރު އެ ކައުންސިލަށް ކަނޑައަޅާފައިވާ 2.6 މިލިއަން ރުފިޔާ ކަމަށެވެ. އަދި މި އަދަދަކީ ކުރިއަށް އޮތް ތިން މަސް ދުވަހަށް ބެލިނަމަވެސް މުވައްޒަފުންގެ މުސާރައާއި ހިންގުމުގެ ޚަރަދަށް ބަލާއިރު އެކަށޭނަ އަދަދެއްނޫންކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެއީ އިދާރީގޮތުން އެކައުންސިލްގެ ހިންގުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ވެސް ބުންޏެވެ.
އެ ކައުންސިލުން ބުނީ ދައުލަތުންދޭ ބްލޮކް ގްރާންޓްގެ ގޮތުގައި މިފަދަ ބަޖެޓެއް ކަނޑައެޅުމުގެ ސަބަބުން މި އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް ދިނުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އަދި މި އަހަރަށް އެ ކައުންސިލުން ފާސްކުރި ބަޖެޓަކީ ރައްޔިތުންނަށް އިގްތިސޯދީ ނަފާވެރިކަމާއި އިޖުތިމާއީ ދުޅަހެޔޮކަން ގެނެސްދޭނެ ހަރަކާތްތަކެއް އެކުލެވިގެންވާ ބަޖެޓެއްކަމަށް ވެސް އެކައުންސިލުން ބުންޏެވެ.
ހއ. އަތޮޅު ކައުންސިލުން ބުނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން އެ ހަރަކާތްތައް ހިންގުމުގެ ހުއްދައަށް އެދި މާލީ ވުޒާރާއަށް ހުށަހެޅުމުން އެ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފައިވާކަމަށެވެ.
''އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ރޫހާއި އެއްގޮތަށް ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލްގެ ހަރަކާތްތައް ހިންގޭނެގޮތަށް ބަޖެޓަށް ދިމާވެފައިވާ މި ދަތި ހައްލުކޮށްދިނުމަށް ކަމާބެހޭ މުވައްސަސާތަކަށް މި ކައުންސިލުން ގޮވާލަމެވެ.'' ހއ. އަތޮޅު ކައުންސިލްގެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!