ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި، އެ ބޯޓުގައި ދަތުރުކުރި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާއެކު 15 މީހުން މަރުވެއްޖެއެވެ.

ކޮލަމްބިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހިމެނޭހެން 15 މީހުންނާއެކު ދަތުރުކުރި މި ބޯޓު، ބުދަ ދުވަހު ވެއްޓުނީ ކޮލަމްބިއާ އާއި ވެނެޒުއޭލާ ގުޅޭ ބޯޑަރު ކައިރިއަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައިވާ ކަމަށް ކޮލަމްބިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވެއެވެ.

Ad
rt

ކޮލަމްބިއާގެ ދައުލަތުގެ އެއާލައިން "ސަޓޭނާ" އިން އޮޕަރޭޓްކުރި މި ބޯޓު ފުރާފައިވަނީ ބޯޑަރު ސިޓީއެއް ކަމަށްވާ ކޫކޫޓާ އިންނެވެ. ބޯޓު ވެއްޓުނީ އެގަމަށް އިއްޔެ މެންދުރު 12:00 ޖަހާކަށްހާއިރު އޮކާނާ އަށް ޖައްސަން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ކޮންޓްރޯލް ޓަވަރާ ގުޅުން ކެނޑިގެންނެވެ.

ކޮލަމްބިއާގެ އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު އޭ.އެފް.ޕީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، "މި ހާދިސާގައި ސަލާމަތްވި އެކަކުވެސް ނެތް" ކަމަށެވެ.

ބޯޓުގައި ތިބީ 13 ފަސިންޖަރުންނާއި ދެ ފަޅުވެރިންނެވެ.

ކޫކޫޓާ ސަރަހައްދަކީ ފަރުބަދަ ގިނަ، މޫސުން ވަރަށް އަވަހަށް ބަދަލުވާ ސަރަހައްދެކެވެ. އަދި އެ ސަރަހައްދުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ ކޮލަމްބިއާގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ނޭޝަނަލް ލިބަރޭޝަން އާމީ (އީ.އެލް.އެން) އިންނެވެ.

ސަރުކާރުން ވަނީ ބޯޓު ހޯދުމަށާއި މަރުވި މީހުންގެ ހަށިތައް ނެގުމަށް އެއާ ފޯސް ހަރަކާތްތެރި ކުރުވާފައެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާއި، މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އަޅުގަނޑުގެ އެކުވެރި ޑިއޯޖެނިސް ކުއިންޓޭރޯ އާއި ކާލޯސް ސަލްސެޑޯ އަދި އެބޭފުޅުންގެ ޓީމުތައް ދަތުރުކުރި ބޯޓު ވެއްޓުނު ޚަބަރު އަޅުގަނޑުމެން އެހީ ވަރަށް ބޮޑު ކަންބޮޑުވުމަކާއެކު،" އެ ސަރަހައްދުގެ މަޖިލިސް މެންބަރު ވިލްމާ ކަރީލޯ ވިދާޅުވިއެވެ.

ކުއިންޓޭރޯ އަކީ ކޮލަމްބިއާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މެންބަރެކެވެ. އަދި ސަލްސެޑޯ އަކީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެކެވެ.

ވެއްޓިފައިވަނީ ބީޗްކްރާފްޓް 1900 މަރުކާގެ ދެ އިންޖީނުލީ ބޯޓެކެވެ.