ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ދަށުން، މަސައްކަތް ފެށިތާ 20 ދުވަސްތެރޭ 41 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

ދިއްދޫގެ ހުޅަނގު ފަރާތް ހިއްކުމުގެ މި މަޝްރޫއުގެ ދަށުން ޖުމްލަ 110 އަށްވުރެ ގިނަ ހެކްޓަރުގެ ބިން އެ ރަށަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލުން ބުނި ގޮތުގައި މި މަހުގެ ފަސްވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ 36.6 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.

Ad
rt

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންކުރަނީ ލަގްޒަމްބާގަށް ނިސްބަތްވާ "ލީފް އެރިކްސަން" ނަމަކަށް ކިޔާ ބިޔަ ޑްރެޖަރެކެވެ. 223 މީޓަރު ދިގު އަދި 41 މީޓަރު ފުޅާ މި ޑްރެޖަރަކީ ދުވާލަކު 46,000 ކޮޑިމީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި، ދުނިޔޭގެ ފެންވަރުގެ ޒަމާނީ ވަސީލަތެކެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދެކެވެ. ނިމިދިޔަ އަހަރުގެ ޖަނަވަރީ މަހު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ، ދިއްދޫ އެއާޕޯޓަކީ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި އެމަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް، ފުރަތަމަ ޖައްސާ ފްލައިޓުގައި ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫއު ނިމުމުން ދިއްދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އެއާޕޯޓުގެ އިތުރުން، އަލަށް ހިއްކާ ބިމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށާއި އިގްތިސާދީ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ޖާގަ ތަނަވަސްވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.