މަޝްހޫރު ދާޢީ ޢަލީ ރަމީޒު އިސްކޮށް ހަރަކާތްތެރިވާ މަންފާ ޖަމިއްޔާއާއި، "ޚިދުމަތް" ޖަމިއްޔާ، "އުކުޅަސްހޯޕް" އަދި "ޖަމިއްޔަތުލް ޤަލަމް" ގުޅިގެން، އިސްލާމްދީނަށް ޚިދުމަތް ކުރުމުގެ މަތިވެރި މައިދާނަށް ދިވެހި ޒުވާން ޖީލުން މުޅިން އާ ތަރިތަކެއް ނެރުމަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

މިގޮތުން ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ، މަޝްހޫރު ދާޢީ ޢަލީ ރަމީޒު އިސްކޮށް ހަރަކާތްތެރިވާ މަންފާ ޖަމިއްޔާއާއި، "ޚިދުމަތް" ޖަމިއްޔާ، "އުކުޅަސްހޯޕް" އަދި "ޖަމިއްޔަތުލް ޤަލަމް" ގުޅިގެން ށ. މާއުނގޫދޫގައި މިހާރު ކުރިއަށްދާ "ފިޔުޗަރ އިމާމް" ޕްރޮގްރާމެވެ.

Ad
rt

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޚާއްޞަ ޕްރޮގްރާމުގެ ތެރެއިން ޒުވާން އިމާމުންނާއި ޚަޠީބުންނަށް ޢަލީ ރަމީޒުގެ ޚާއްޞަ ސެޝަންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. ޢަލީ ރަމީޒުގެ އިތުރުން، ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި ނަމާދުގެ ފިޤުހީ ބައިތައް އުނގަންނައިދެއްވަނީ އައްޝައިޚް ސާޖިދު މުޙައްމަދެވެ. އަދި އަޑު ބޭނުންކުރުމުގެ ފަންނާއި ސަމާލުކަން ދޭންޖެހޭ ކަންކަން ދަސްކޮށްދެއްވަނީ މަރުޙޫމް އައްޝައިޚް އިބްރާހީމް ފަރީދު ރަޙިމަހުﷲގެ ދަރިކަލުން ޢަބްދުﷲ ފަރީދެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންވެސް މި ޕްރޮގްރާމުގައި ތަމްރީނު ދެއްވާނެއެވެ.

މާއުނގޫދޫގައި ކުރިއަށްގެންދާ ފިއުޗަރ އިމާމް ޕްރޮގްރާމްގައި ޢަލީ ރަމިޒް ސެޝަނެއް ނަންގަވައިދެއްވަނީ، ފޮޓޯ: ޚިދުމަތް ޖަމިއްޔާ

ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދު

"ފިޔުޗަރ އިމާމް" ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މިސްކިތްތަކާއި ދީނީ އެކި މައިދާންތަކަށް ބޭނުންވާ ޤާބިލު ޒުވާން އިމާމުންނާއި ޚަޠީބުން އަދި މުދިމުން ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެހީތެރިވެ އެއްބާރުލުން ދިނުމެވެ. ޚާއްޞަކޮށް ބަންގީގެ އަޑުން ލިބޭ ހިތްގައިމުކަން ފޯރުކޮށްދިނުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މި ސެޝަންތަކުގެ މުހިންމު ބައެކެވެ.

މާއުނގޫދޫގައި ކުރިއަށްގެންދާ ފިއުޗަރ އިމާމް ޕްރޮގްރާމްގައި ޢަލީ ރަމިޒް ސެޝަނެއް ނަންގަވައިދެއްވަނީ، ފޮޓޯ: ޚިދުމަތް ޖަމިއްޔާ

މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންގެ މެދުގައި ދީނީ ކަންކަމަށް އޮތް ޝައުޤުވެރިކަން އިތުރުވެ، އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަރުގަދަވާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން އުއްމީދު ކުރެއެވެ. މިއީ މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އިސްލާމީ ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ޖަމިއްޔާތަކުން ސިފަކުރެއެވެ.

މި ޕުރޮގުރާމު ކުރިޔަށް ގެންދަން އެދޭ ރަށްތަކަށް ފުރުސަތު ހުޅުވިފައި

ށ. މާއުނގޫދޫއަކީ މި ކޯސް ކުރިއަށްގެންދާ ތިންވަނަ ރަށެވެ. މާއުނގޫދޫ ކައުންސިލުން ވަނީ މިއީ ޒުވާން ޖީލު ހެޔޮގޮތުގައި ބިނާކުރުމަށް ލިބުނު ރަނުގެ ފުރުޞަތެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ޝައުޤުވެރިވާ ކައުންސިލްތަކާއި ޖަމިއްޔާތަކަށް "ޚިދުމަތް" އަދި "އުކުޅަސްހޯޕް" ޖަމިއްޔާއިން ވަނީ މަރުޙަބާ ކިޔާފައެވެ.

މާއުނގޫދޫގައި ކުރިއަށްގެންދާ ފިއުޗަރ އިމާމް ޕްރޮގްރާމްގައި ބައިވެރިވާ ބައެއް ދަރިވަރުން، ފޮޓޯ: ޚިދުމަތް ޖަމިއްޔާ

މި ޕުރޮގުރާމު ކުރިޔަށް ގެންދަން އެދޭ ރަށްރަށުން މި ޖަމިއްޔާތަކާ ގުޅިގެން ކުރިޔަށް ގެންދެވޭނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ޕުރޮގުރާމު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާ ކުރުމަށް އެހީތެރިވެދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ. އެފަދަ ފަރާތްތަކުން ޚިދުމަތް ޖަމިއްޔާގެ ނަންބަރު 7770000129941 އެކައުންޓަށް ފައިސާ ޖަމާކުރައްވައިގެން މި ޕުރޮގުރާމުގައި ބައިވެރިވުމުގެ އުފާވެރިކަން ޙާޞިލުކުރެއްވުމުގެ މަގު ވަނީ ޢާއްމުކޮށް އެންމެނަށް ފަހިވެފައިކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.