ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް ނިންމައި، އެ ދަތުރުތަކުގެ އަގުތައް އިއްޔެ އާންމުކޮށްފިއެވެ.

މި އާ ހިދުމަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު އަދި ގދ. އަތޮޅު ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

Ad
d

މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ދަތުރުތައް ބާއްވަނީ ޖުމްލަ 5 ސެކްޓަރަކަށް ބަހާލައިގެން، އައްޑޫ ގަމާއި، ފުވައްމުލަކާއި، ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓު ގުޅުވާލައިގެންނެވެ.

ދަތުރުތަކުގެ އަގުތައް ހުރިގޮތް:

  • ގަން - ފުވައްމުލައް: 500ރ
  • ފުވައްމުލައް - ކޫއްޑޫ: 650ރ
  • ފުވައްމުލައް - ކާޑެއްދޫ: 650ރ
  • ގަން - ކާޑެއްދޫ: 900ރ
  • ގަން - ކޫއްޑޫ: 900ރ

މި ދަތުރުތަކަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއްގަމު ރަންވޭތަކަށް ޖެއްސޭ ގޮތަށް ބަދަލުކޮށްފައިވާ 15 މީހުންގެ ޖާގައިގެ ޓްވިން އޮޓާ މަރުކާގެ ބޯޓުތަކެކެވެ. މި ބޯޓުތަކަކީ އެއަރސްޓްރިޕްތައް މެދުވެރިކޮށް ރޭގަނޑުވެސް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އުޅަނދުތަކެއް ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނީ މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުންކަމަށެވެ. އަދި މިއީ ސަރަހައްދީ ދަތުރުފަތުރު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއްކަން ވެސް ގައުމީ އެއާލައިނުން ވަނީ ފާހަގަކޮށްފައެވެ.

މި އާ ދަތުރުތަކުގެ ސަބަބުން ތައުލީމާއި، ބޭސްފަރުވާ އަދި ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، އެ ސަރަހައްދުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ދަތުރުފަތުރުގެ ފަސޭހަ ވިއުގައެއް ގާއިމުވެ، ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

Ad
df

މޯލްޑިވިއަނުން ބުނީ މި ދަތުރުތަކާއެކު އައްޑޫ ގަން ވެގެންދާނީ އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ މައި ހަބަކަށް ކަމަށެވެ.