އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވައިވުމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,117 ފަތުރުވެރިން ރާއްޖެ އާދެއެވެ.

Ad
rt

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޒިޔާރާތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެގޮތުން ޖުމްލަ ފަތުރުވެރިންގެ 69 އިންސައްތަ މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި ޖުމްލަ 68,915 އެނދު އޮޕަރޭޓް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އެއާޕޯޓުތަކުގެ ތަފާސްހިސާބު

ފަތުރުވެރިން ރާއްޖެއަށް އެތެރެވި އެއާޕޯޓުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަގުންނެވެ. އެއީ 144,226 ފަތުރުވެރިން (98.7 އިންސައްތަ) އެވެ. އެހެން އެއާޕޯޓުތަކުން އައި ފަތުރުވެރިންނަށް ބަލާއިރު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 540 ފަތުރުވެރިން (0.4 އިންސައްތަ)، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 445 ފަތުރުވެރިން (0.3 އިންސައްތަ) އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް 428 ފަތުރުވެރިން (0.3 އިންސައްތަ) ފަތުރުވެރިން ވަނީ އައިސްފައެވެ.

މި މުއްދަތުގައި ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް 288 ފަތުރުވެރިން (0.2 އިންސައްތަ) އަދި ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓަށް 183 ފަތުރުވެރިން (0.1 އިންސައްތަ) އައިސްފައިވެއެވެ.

މާކެޓުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިންނެވެ. މި ލިސްޓުގެ ދެވަނައިގައި އިޓަލީ އޮތްއިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒަކީ އަހަރު ނިމޭއިރު ޖުމްލަ 2.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިހާރު ފެންނަމުންދާ ކުރިއެރުމާއެކު މި އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.