ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ފައިނަލުގެ ޖާގަތައް، ނޮޅިވަރަންފަރާއި ނައިވާދޫއިން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލުގެ ޖާގައެއް ނޮޅިވަރަންފަރުން ފުރަތަމަ ފަހަރަށް ކަށަވަރުކުރީ ސެމީ ފައިނަލުގައި ފިނޭގެ މައްޗަށް 0-3 އިން ކުރިހޯދައިގެންނެވެ. މި މެޗުގައި ނޮޅިވަރަންފަރަށް ލަނޑުތައް ޖަހައިދިނީ އަކްރަމް އަބްދުލް ރަޝީދާއި އިބްރާޙީމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން މުޙައްމަދު ރިޔާޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަންފަރުގެ އަކްރަމްއެވެ.
ނޮޅިވަރަންފަރުން ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ހދ. ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިއީ އެ ރަށުގެ ތާރީޚުގައި ވެސް އަތޮޅު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ދެވަނަ ސެމީ ފައިނަލުގައި ނައިވާދޫން ވަނީ މިދިޔަ އަހަރުގެ އަތޮޅު ރަނަރަޕް ނޭކުރެންދޫ 5-2 އިން ބަލިކޮށްފައެވެ. މި މެޗުގައި ނައިވާދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޔާމީން މުހައްމަދު (ޔާންޓެ)، މުހައްމަދު އަސްލަމް، އަބްދުﷲ ވިސާމް، ޔޫސުފް ޝާއިފް އަދި ހުސައިން މައިޝާންއެވެ. ނޭކުރެންދޫގެ ދެ ގޯލްވެސް މެޗު ނިމެން ގާތްވެފައި ވަނިކޮށް ޖަހައިދިނީ މުހައްމަދު ވިލްފެވެ.
ނައިވާދޫ އަކީ މިހާތަނަށް ހަތް ފަހަރު އަތޮޅު ތަށި ހޯދާފައިވާ ކާމިޔާބު ޓީމެކެވެ. އެހެންކަމުން މި ފަހަރުގެ ފައިނަލަކީ ތަޖުރިބާކާރު ނައިވާދޫ އާއި އަލަށް ފައިނަލަށް ދިޔަ ނޮޅިވަރަންފަރުގެ ފޯރިގަދަ ކުރިމަތިލުމަކަށް ވާނެއެވެ.
ނައިވާދޫ އާއި ނޮޅިވަރަންފަރު ބައްދަލުކުރާ ހދ. އަތޮޅުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 22 ވާ ހޮނިހިރު ދުވަހުގެރޭ 22:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!