މިދިޔަ އަހަރު ގާއިމުކުރި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް، އިސްރާއީލު ސިފައިން ހޯމަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ދެ ކުއްޖަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ބުނެފިއެވެ.

ސިއްހީ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ޣައްޒާގެ ދެކުނުގައިވާ ރަފަހްގެ އަލް-މަވާސީ ސަރަހައްދުގައި އިސްރާއީލު ސިފައިން ކުޑަކުއްޖެއްގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ވަނީ ޝަހީދުވެފައެވެ.

Ad
rt

މީގެ އިތުރުން، ޣައްޒާގެ ދެކުނުގައިވާ ނާސިރު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 17 އަހަރުގެ ފަލަސްތީނު ކުއްޖަކު ވެސް ބަނޑަށް ބަޑިޖެހުމުގެ ސަބަބުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކުގައި އިތުރު ބަޔަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން ހާން ޔޫނިސްގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އުމުރުން 20 އަހަރުގެ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ އިރު، ގައްޒާގެ އުތުރުގައިވާ ބައިތު ލާހިޔާގައި އިސްރާއީލުގެ ޑްރޯންއަކުން ދިން ބޮމުގެ ހަމަލާއެއްގައި ވެސް ޒުވާނަކު ވަނީ ޒަހަމްވެފައެވެ. މީގެ އިތުރުން ގައްޒާގެ މެދުތެރޭގެ ދައިރު އަލް-ބަލަހް އަށާއި ގައްޒާ ސިޓީގެ އަލް-ތުއްފާހް އަވަށަށް ވެސް އިސްރާއީލުން ވަނީ އާޓިލަރީ ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުން މި ހަމަލާތައް ދީފައިވަނީ "ޔެލޯ ލައިން" ހުރަސްކުރި ކަމަށް ބުނެ އާދީއްތަ ދުވަހު ވެސް ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލާފައި ވަނިކޮށެވެ. ޔެލޯ ލައިންއަކީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލު ސިފައިން ތިބޭ ސަރަހައްދާއި ފަލަސްތީނު މީހުންނަށް އުޅެވޭ ސަރަހައްދު ވަކިކުރުމަށް ކަނޑައަޅާފައިވާ ރޮނގެކެވެ. މިހާރު ވެސް އިސްރާއީލު ސިފައިން ދަނީ ގައްޒާގެ މުޅި ސަރަހައްދުގެ ގާތްގަނޑަކަށް 50 އިންސައްތަ ކޮންޓްރޯލް ކުރަމުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި މިހާތަނަށް 71,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 171,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ފަލަސްތީނުން ތުހުމަތުކުރާ ގޮތުގައި އޮކްޓޯބަރު 10 ގައި ގާއިމުކުރި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ދަނީ ތަކުރާރުކޮށް ހިލާފުވަމުންނެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 464 ފަލަސްތީނު މީހުން ޝަހީދުވެ، 1,280 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.