ފަލަސްތީނުގެ ޣައްޒާ ހިންގުމާ ހަވާލުވާ ޓެކްނޮކްރެޓިކް ކޮމިޓީއަކާ ބާރުތައް ހަވާލުކުރުމަށް ތައްޔާރަށް އޮތް ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހޯމަ ދުވަހު ބުނެފިއެވެ.
އަނަޑޯލޫ އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ ޣައްޒާގެ އިދާރީ ހިންގުން އައު ނިޒާމަކަށް ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުއައްސަސާތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ތަރުތީބުން ބަދަލުކުރުމަށާއި، ރައްޔިތުންނާއި ޕަބްލިކް ސެކްޓަރުގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، މެދުކެނޑުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދިނުން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތިން ޣައްޒާ ހިންގުމަށް އެކުލަވާލާފައިވާ ނޭޝަނަލް ކޮމިޓީއާ ހުރިހާ ބާރުތަކެއް ހަވާލުކުރުމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.
އާދަޔާ ހިލާފު ދަތި ހާލަތްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ސަރުކާރުގެ މުއައްސަސާތަކާއި ކަމާބެހޭ ދާއިރާތަކުން އެ ފަރާތްތަކުގެ ޒިންމާތައް ގަވާއިދުން އަދާކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ އޮފީހުން ވަނީ ދީފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ބިމުގެ އެއްބައިވަންތަކަމާއި، ހުޅަނގު އައްސޭރިއާއި ޣައްޒާއާ ދެމެދު އޮތް ސިޔާސީ އަދި ޖިއޮގްރަފީ ގުޅުން ދަމަހައްޓާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޣައްޒާ ހިންގުމަށް އެކުލަވާލި ނޭޝަނަލް ކޮމިޓީގެ ރައީސް އަލީ ޝާތު ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ކޮމިޓީގެ މެންޑޭޓްގައި ސޮއިކުރައްވައި، މަސައްކަތުގެ އުސޫލުތައް ކަނޑައަޅުއްވާފައެވެ. މިއީ ޣައްޒާގެ އިންތިގާލީ މަރުހަލާ ބެލެހެއްޓުމަށް ވައިޓް ހައުސްއިން އިއުލާނުކުރި "ބޯޑް އޮފް ޕީސް" ގެ ދަށުން އެކުލަވާލެވުނު އިންތިޒާމެކެވެ.
މި ކޮމިޓީ އެކުލަވާލާފައިވަނީ އޮކްޓޯބަރު 10 ގައި އަމަލުކުރަން ފެށި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރަމުންދިޔަ ހަނގުރާމައިގައި މިހާތަނަށް 71,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 171,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!