ﷲގެ މަގުގައި ހޭދަކުރުމަކީ ވަރަށް މަތިވެރި ސަވާބު ލިބޭނޭ އަޅުކަމެކެވެ. ހޭދަކުރުމޭ ބުނުމުން ބައެއް މީހުންނަށް ހީވަނީ އެއީ މުއްސަނދިން އެކަނި ކުރަންޖެހޭ ކަމެއް ކަމަށެވެ. މުއްސަނދިންނަށް އޮތީ ޒަކާތްދިނުމެވެ. ކޮންމެ މީހަކަށް ވެސް ޞަދަޤާތް ކުރެވިދާނެއެވެ.

ޞަދަޤާތްކުރާއިރު ސަމާލުވާން ޖެހޭ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ އަތުން ދޫކޮށްލާ ޞަދަޤާތަކީ ﷲއަށް ޓަކައި ދޫކޮށްލެވޭ އެއްޗެއްކަން ތިމާގެ އަމިއްލަ ޟަމީރަށް ޔަޤީންކޮށްދިނުމެވެ. ނަފުސުން އެ ކަން ޤަބޫލުކުރުމެވެ. އެހެންނޫނީ ވަރަށް ގިނަ ފަހަރު ވާ ގޮތަކީ ތިމާގެ ފަރާތުން މީހަކަށް އެއްޗެއް ދެވުނީ އޭ ހިތައި އެ ކަމުގެ ފަޚުރު ހިތުގައި އުފެދެނީއެވެ. އަދި އޭގައި ހިފި މީހާގެ ނިކަމެތި ކަމުގަ މަށްޗަށް ތިމާ ގަދަވާން ވެސް މަސައްކަތް ކުރެވެނީއެވެ. އަދި އެއަށްވުރެ ވެސް ގޯސްކޮށް ހިނގާ އަނެއް ކަމަކީ ޞަދަޤާތްކޮށްފައި އޭގެ ވާހަކަ ދައްކައި، ޞަދަޤާތުގައި ހިފި މީހާއާ ދިމާލަށް ވެސް އޭގެ ވާހަކަ ގޮވާގޮވުމެވެ. ދިވެހި ބަހުގައި އެއަށް ކިޔަނީ "ކަލަ ގޮވުމެވެ."

Ad
rt

ކަލަ ގޮވުމުގެ މާނަ ރަދީފުގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. "ތިމާ އަނެކާއަށް ކޮށްދީފައި ހުންނަ ހެޔޮކަންތަކުގެ ވާހަކަ ހިތާނުވެގެން އެ މީހާއާ ދިމާއަށް އެ ވާހަކަތައް ދެއްކުމެވެ."

އާދެ! މިއީ ކީތިރި ޤުރުއާނުގައި ވެސް ހުތުރު ޢަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައި ވާ ކަމެކެވެ. އަދި މި ޢަމަލުގެ ސަބަބުން އެ މީހާ ދިން ޞަދަޤާތް ބާޠިލުކޮށްނުލުމަށް ﷲ ވަނީ ނަސޭހަތްތެރިވެވޮޑިގެންފައެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ﴾ ‎(البقرة: ٢٦٤)‏

މާނާއީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލުނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށް ޓަކައި އެ މީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލު ފަދައިންނެވެ. ﷲއަށާއި އާޚިރަތްދުވަހަށް އޭނާ އީމާނެއް ނުވެތެވެ."

އިސްވެ ދިޔަ އާޔަތުގައި ﷲ އެ އަންގަވަނީ ޞަދަޤާތް ދީފައި ކަލަގޮވާ މީހާގެ މިސާލަކީ ކަންދައްކަން މުދާ ހޭދަކުރާ މީހަކާ އެއްފަދަ މިސާލެއް ކަމެވެ. އަދި އޭނާ އަކީ ﷲއަށާއި އާޚިރަތްދުވަހަށް ވެސް އީމާންނުވާ މީހެއް ކަމުގައި އެބަ އަންގަވައެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. ﷲއަށް އީމާންނުވާ އާޚިރަތައް އީމާންނުވާ މީހާ އެއީ ޔަޤީނުން ވެސް ކާފިރެކެވެ. އެއީ މުސްލިމެއް ނޫނެވެ. މިއްލަތުން ބޭރުވެފައި ހުރި މީހެކެވެ. އެފަދަ މީހަކާ އެއްފަދަ ވާން ބޭނުންވާނީ މުސްލިމުންގެ ތެރެއިން ފަހެ، ކާކުހެއްޔެވެ؟ އެކަކު ވެސް ބޭނުމެއް ނުވާނެއެވެ!

ޞަދަޤާތް ދީފައި އޭގެ ވާހަކަ ދެއްކުމަށް ވުރެ ހެޔޮ ބަހެއް މާ ހެޔޮކަން ބޮޑު ކަމުގައި ﷲ ވަނީ އޭގެ ކުރީ އާޔަތުގައި އަންގަވައިފައެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. ﴿قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَا أَذًى وَاللَّهُ غَنِيٌّ حَلِيمٌ﴾‏ (البقرة: ٢٦٣)‏

މާނާއީ: "އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮ ބަހެއް ބުނުން، އަދި ޢަފޫކުރުން، ހެޔޮ ކަން މާ ބޮޑެވެ. ﷲ އީ، ފުދިވޮޑިގެންވާ، ޙަލީމްވަންތަ ރަސްކަލާނގެއެވެ."

ލޮބުވެތި ކިޔުންތެރެންނޭވެ! ޞަދަޤާތްކޮށްފައި އޭގެ ފަހުން އެ ވާހަކަ ނުދައްކާށެވެ. ކުރެވުނު ޢަމަލާ މެދު އުފާކުރާށެވެ. އެ ކަމުގެ އެންމެ ހެޔޮ ބަދަލު ލިބުން ޤިޔާމަތްދުވަހުން އެދޭށެވެ!