ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކަށް ފާޑުކިޔައިގެން ސޯޝަލް މީޑިއާގައި މަޝްހޫރުވި ގއ. ވިލިނގިލި، ޕިންކްރޯސް، އަލީ ރަޝީދު (މަސްވެރި އަލިބެ) ނިޔާވެއްޖެއެވެ.

މަސްވެރި އަލިބެ ނިޔާވިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފެއްގެ ގޮތުގައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އެ ކުންފުނީގެ ގއ. ވިލިނގިލީ ސައިޓުގައެވެ.

Ad
rt

އަލީ ރަޝީދުގެ ވަކިވުމާ ގުޅިގެން އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ނިޔާވުމަކީ އެ ކޯޕަރޭޝަނަށާއި، ވަކިން ހާއްސަކޮށް ވިލިނގިލީ ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ލިބުނު ނުހަނު ފުން ހިތާމައެއް ކަމަށެވެ. އަދި އޭނާއަކީ އެކުގައި މަސައްކަތްކުރި އެންމެނާ ގުޅޭ، އެކުވެރި އަދި މަސައްކަތްތެރި މުވައްޒަފެއްގެ ގޮތުގައި އެ ކުންފުނިން ސިފަކޮށްފައިވެއެވެ.

މަސްވެރި އަލިބެއަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި، ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި ކުރިން ޚިޔާލު ފާޅުކުރި ފަރާތެކެވެ. އޭނާގެ ވީޑިއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް ލިބެމުން ދިޔައެވެ.

އާރުޑީސީން ވަނީ މި ހިތާމަވެރި ވަގުތުގައި މަރުޙޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކޮށްފައެވެ.