އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދިނުމުން ވައިޓް ހައުސް ދުރުހެލިކުރުމަށްޓަކައި، ގަތަރާއި އޮމާން ބައިވެރިވެގެން ސައުދީ އަރަބިއްޔާއިން އިސްވެ ގަލްފުގެ އިސްނެގުމެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ "ދަ ވޯލް ސްޓްރީޓް ޖާނަލް" އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފިއެވެ.
މި މަސައްކަތަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި ކުރިމަތިވެދާނެ ބޮޑު ހަނގުރާމައަކުން ސަލާމަތްވުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ.
އެ ނޫހުން ބުނި ގޮތުގައި، މަސްރަހު ގޯސްވެއްޖެ ނަމަ ސައުދީގެ އިގްތިސާދަށް ގެއްލުންވެދާނެ ކަމުގެ ބިރު އެ ގައުމުން އޮތީ ހީވެފައެވެ. އަދި އެއަށްވުރެ ބޮޑަށް، ހާއްސަކޮށް އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލައިފި ނަމަ، ގައުމުގެ އެތެރޭގައި ނޭދެވޭ އަމަލުތަކެއް ހިނގައިފާނެތީ ސައުދީން ކަންބޮޑުވެއެވެ.
މީގެ އިތުރުން، އީރާނަށް ދޭ ހަމަލާތަކުގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހުރަސް އެޅިދާނެތީވެސް އަރަބި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.
ހަކަތައިގެ ރައްކާތެރިކަމާއި ސަރަހައްދީ ބިރުވެރިކަން
ގަލްފުގެ ދޮރުމަތީގައި އޮންނަ ހަނި ކަނޑުއޮޅިއަކީ އީރާނާއި އަރަބި އަވަށްޓެރި ގައުމުތައް ވަކިކޮށްދޭ، އަދި ދުނިޔޭގެ ތެޔޮ ސިޕްމަންޓްތަކުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގަކަށް ވުމުން، އެ ސަރަހައްދުގެ ހަމަޖެހުން ގެއްލުމަކީ ދުނިޔޭގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ރިޕޯޓުގައިވާ ގޮތުން، މި ފިޔަވަޅު އަޅާފައިވަނީ މަސްރަހު ގޯސްވެދާނެ ކަމަށް ތައްޔާރުވުމަށް އެމެރިކާއިން ގަލްފުގެ ބައިވެރިންނަށް އެންގުމާ ގުޅިގެންނެވެ.
މި އިންޒާރުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ ވެރިރަށްތަކުގައި ސަރަހައްދީ ނަތީޖާތަކާ މެދު ފުން ކަންބޮޑުވުންތަކެއް އުފެދުނެވެ. އޭގެ ތެރޭގައި ހަކަތައިގެ ރައްކާތެރިކަމާއި، މުހިންމު އިންފްރާސްޓްރަކްޗަރތަކުގެ ހަމަޖެހުމާއި، އަދި އެއްވެސް ހަމަލާއެއްގެ އަސަރު އެ ގައުމުތަކުގެ އަމިއްލަ ސަރަހައްދުތަކަށް ކޮށްފާނެތީ ހުރި ބިރުވެރިކަން ހިމެނެއެވެ. ސައުދީ އަރަބިއްޔާ، ގަތަރު އަދި އޮމާނުން ވައިޓް ހައުސްއަށް އަންގާފައިވަނީ އީރާނުގެ ނިޒާމު ވައްޓާލުމަށް ކުރާ ކޮންމެ މަސައްކަތަކީ އެމެރިކާގެ އިގްތިސާދަށް ވެސް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.
ސައުދީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދިނުން
ސައުދީގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އިސްވެ އޮވެ ހިންގާ ކުރިމަތިލުމެއްގެ ތެރެއަށް ނުވަނުމަށްޓަކައި، ކުރިމަތިވެދާނެ އެއްވެސް ހަނގުރާމައެއްގައި ސައުދީން ބައިވެރިނުވާނެ ކަމަށް ރިޔާޟުން ވަނީ ތެހެރާނަށް އަންގާފައެވެ. އަދި ހަމަލާ ދިނުމަށް އެމެރިކާއަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ނިންމާލަމުން ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ތެހެރާނުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ނުކުރުމަށް ގަލްފުގެ ގައުމުތަކުން ވޮޝިންޓަނަށް އިންޒާރު ދީފައިވާ ކަމަށެވެ. އެ ގައުމުތަކުގެ ނަޒަރުގައި އެފަދަ ފިޔަވަޅެއްގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަޖެހުން އެއްކޮށް ގެއްލި، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!