މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ނޮޅިވަރަމަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އެލްޕަސޯ، އަޙްމަދު ފަޒީން (35އ) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ޖަނަވަރީ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކުޅުދުއްފުށީގެ ގެއަކުން ފަޒީން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!